ކުދިންނަށް ބޮޑު ސަޕްރައިޒެއް، އަމީނިއްޔާގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް

Sun, 05 May 2024 02:24 PM

View on this article on vNews

ކުދިންނަށް ބޮޑު ސަޕްރައިޒެއް، އަމީނިއްޔާގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް

ދަރިވަރުންނަށް ހާއްސަ ދުވަސްތަކުގެ ތެރެއިން ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަސް، އަމީނިއްޔާ ސްކޫލުގައި ބޮޑެތި ސަޕްރައިޒްތަކަކާއެކު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.



އަމީނިއްޔާ ސްކޫލުން މި ދުވަސް ކުރީބައިގައި ފާހަގަކޮށްފައި ވަނީ، މެއި 10 ވަނަ ދުވަހަކީ ދަރިވަރުންގެ ޗުއްޓީ ދުވަސްވަރުކަމަށް ވާތީ، ސްކޫލުގައި އެކުދިންނަށް މި ދުވަސް ހާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންނެވެ.

ތަފާތު ގޮތަކަށް އަމީނިއްޔާގައި މި ދުވަސް މި އަހަރު ފާހަގަކުރިއިރު އެންމެ ދުވަހެއް މިކަމަށް ހާއްސަ ކުރުމުގެ ބަދަލުގައި، ޖުމްލަ ފަސް ދުވަހަށް ބަހާލައިގެން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

"ވީނިއުސް" އާ ވާހަކަދައްކަވަމުން އަމީނިއްޔާ ސްކޫލުގެ ލީޑިންގް ޓީޗަރ އަދި ޗިލްޑްރެންސް ޑޭ ސެލެބްރޭޝަންގެ އިންޗާޖް މަރިޔަމް ޝަތުރަތު ޝާކިރު (ޝަތޫ މިސް) ވިދާޅުވީ، ޓީޗަރުންނާއި ސްކޫލްގެ ސީނިއަރ މެނޭޖްމަންޓު ޓީމުގެ ފަރާތުން ކުދިންނަށް ދިން މި ސަޕްރައިޒް، އެ ކުދިން ވަރަށް އުފަލާއެކު ބަލައިގަތް ކަމަށެވެ.

ފުރަތަމަ ދުވަސް:

ސެލެބްރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ގްރޭޑް 1-5 ގެ ދަރިވަރުންނަށެވެ. މި ހަރަކާތްތަކަށް ދައުވަތު ދިނުމުގެ ގޮތުން އެ ގްރޭޑްތަކުގެ ދަރިވަރުންނަށް ވަނީ، ކޮންފެޓީ އެރުވުމުގެ ހަރަކާތަކާއެކު އިންވިޓޭޝަން ކާޑުތަކެއް ދީފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުރިހާ ކުދިން ސްކޫލްގެ ކޮމްޕައުންޑަށް ގެނެސް، ސަޕްރައިޒް އިވެންޓެއްގެ ގޮތުގައެވެ.

މި ކާޑު ތައްޔާރުކޮށްފައި ވަނީ ސެލެބްރޭޝަން ކުރިއަށްދާނެ ދުވަސްތަކުގެ މައުލޫމާތު ހިމެނޭގޮތަށް، ހަރަކާތްތަކާމެދު ޝައުގުވެރިކަން އުފެދޭނެފަދަ ގޮތަކަށެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ހަރަކާތައް ވެސް ކުދިން ވަރަށް ބޮޑަށް އިންތިޒާރުކުރިކަމަށާއި، މިކަންވީ ކުދިން ވަރަށް ގަޔާވިކަމެއް ކަމަށް ޝަތޫ މިސް ވިދާޅުވިއެވެ.

ދެވަނަ ދުވަސް:

ދެވަނަ ދުވަހުގެ މައި ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައި ވަނީ ދަރިވަރުންނާއި ޓީޗަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވާ ގޮތަށެވެ. އެގޮތުން ކުދިން ކުލާހަށް އަންނައިރު، އެކުދިންނަށް ޓީޗަރުން މަރުހަބާ ކިޔާނެގޮތް، އެކުދިން އަމިއްލަޔަށް އިޚްތިޔާރުކުރުމުގެ ފުރުސަތު ދީފައިވެއެވެ. އެގޮތުން ހުރި އޮޕްޝަން ތަކަކީ، ސްމައިލް، ހައިފައިވް، ފިސްޓް ބަމްޕް، ހޭންޑްޝޭކް އަދި ހަގްއެވެ.

ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ހަދިޔާއެއް ވެސް މި ދުވަހު ދީފައިވެއެވެ. ހަދިޔާ ދިނުން ކުރިއަށް ގެންގޮސްފައިވަނީ ކުދިންގެ ސަރކަލް ޓައިމްގައި، ފުއްޕާހަން ތަކެއްގެ ތެރެއަށް ނަމްބަރުތަކެއް އެޅުމަށްފަހު، އެ ކުއްޖަކު އިޚްތިޔާރުކުރާ ފުއްޕާހަމެއްގައި އިންނަ ނަމްބަރަކާ ދިމާވާ ހަދިޔާއެއް އެ ކުއްޖަކަށް ލިބޭ ގޮތަށެވެ.

މީގެއިތުރުން، ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ކުލާސް ޓީޗަރު، އެ ކުއްޖަކަށް ހާއްސަކޮށް ލިޔެފައިވާ މެސެޖެއް ހިމެނޭ ވިޝިންގް ކާޑެއް ވެސް ދީފައިވެއެވެ. ކޮންމެ ކުއްޖަކަށް ވެސް ދީފައިވަނީ އެ ކުއްޖެއްގެ ނަން ޖަހާ، އެ ކުއްޖަކަށް އެޑްރެސްކޮށް މެސެޖް ލިޔެފައިވާ ކާޑެކެވެ.

ތިންވަނަ ދުވަސް:

ތިންވަނަ ދުވަހު ހާއްސަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޝަތޫ މިސް ފާހަގަކުރެއްވި ގޮތުގައި އެ ދުވަހުގެ ހަރަކާތަށް ބެލެނިވެރިން ހަފްތާއެއްހައި ދުވަސް ކުރިން ތައްޔާރުވެ، ވަރަށް ފުރިހަމަ ހުށަހެޅުމެއް އެކުދިން ސެޝަން ނިންމައި ތިރިއަށް ފޭބިއިރު ގެނެސްދީފައިވެއެވެ. މީގެއިތުރުން ބެލެނިވެރިންގެ ފަރާތުން ވެސް ކުދިންނަށް ހާއްސަ ވިޝިންގް ކާޑުތަކެއް ދީފައިވެއެވެ. އެ ދުވަހު ސްކޫލަށް ހާޒިރުނުވެވުނު ދަރިވަރުންނަށް ވެސް ބެލެނިވެރިންގެ ފަރާތުން އެ ކާޑުތައް ލިބުނުކަން ސްކޫލުން ޔަގީންކުރިކަމަށް ޝަތޫ މިސް ވިދާޅުވިއެވެ.

މީގެއިތުރުން، ކޮންމެ ގްރޭޑެއް ވެސް ވަކިން، ހާއްސަ ޕްރޮޕްތަކެއް ބޭނުންކޮށްގެން ބެލެނިވެރިން، ކުދިންނަށް ދުވަހުގެ މަރުހަބާ ކިޔާފައިވެއެވެ.

ގްރޭންޑް ސެލެބްރޭޝަން: ހަތަރުވަނަ ދުވަސް އަދި ފަސްވަނަ ދުވަސް

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އަމީނިއްޔާ ސްކޫލުން ކުރިއަށް ގެންދިޔަ ފަސް ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، ގްރޭންޑް ސެލެބްރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މި ދެ ދުވަހުއެވެ.

ހަތަރުވަނަ ދުވަސް:

އެގޮތުން ހަތަރުވަނަ ދުވަހު ދަރިވަރުން ސްކޫލަށް ހާޒިރުވީ އެކުއްޖަކު ބޭނުންވާ ކެރެކްޓަރެއްގެ ކޮސްޓިއުމެއް ލައިގެންނެވެ. ޓީޗަރުން ވެސް އެ ދުވަހު ސްކޫލަށް ގޮސްފައި ވަނީ ޑިޒްނީ ކެރެކްޓަރތަކުގެ ކޮސްޓިއުމްގައެވެ. މިކަންވީ ހުރިހާ ކުދިންނަށް ވެސް ވަރަށް ހާއްސަ، އެކުދިންނަށް އުފާވެރިކަން ގެނުވި ކަމަކަށެވެ.

ހަތަރުވަނަ ދުވަހަށް ސްކޫލް ކޮމްޕައުންޑުގައި ހާއްސަ އެސެމްބްލީއެއް ވެސް ތާވަލުކުރިއެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން މި އެސެމްބްލީ ބޭއްވޭގޮތް ނުވިއެވެ. އެހެންނަމަވެސް އެ ދުވަހަކީ ވެސް ކުދިންނަށް ހާއްސަ ދުވަހަކަށް ހެދުމަށްޓަކައި ކޮންމެ ގްރޭޑެއްގައި ވެސް ގްރޭޑް ޕާޓީތަކެއް ބާއްވާ، އެކުގައި ކިޔަވާ އެހެން ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ހޯދައިދީފައިވެއެވެ.

މި ދުވަސް ކުދިންނަށް އެންމެ ހާއްސަވީ، ކުދި ބޮޑު އެތައްބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ރޮބޯ މޭން އެކުދިންނާ ބައްދަލުކުރުމުންނެވެ. ރޮބޯމޭން ވަނީ ކޮންމެ ކުލާހަކަށް ވަކިން ގޮސް، އެ ކުލާސްތަކުގެ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

ފަސްވަނަ ދުވަސް:

ސެލެބްރޭޝަންގެ އެންމެ ފަހު ދުވަސް ފާހަގަކޮށްފައި ވަނީ ވޯޓަރ ޑޭ ގެ ގޮތުގައެވެ. މި ދުވަހަށް ތައްޔާރުވުމުގެ ގޮތުން މީގެ ދުވަސްތަކެއް ކުރިން އެކުދިންނަށް ކްރިއޭޓިވް އާޓްސް ގަޑީގައި، ކުދިންނަށް ކަމުދާ ކުލައެއްގެ ޓީޝާޓުތަކެއް ގެނެސް އެ ޓީޝާޓުތަކުގައި ކުދިން ލައްވައި ތަތްގަނޑުތަކެއް ޖަހާފައިވެއެވެ. ހުރިހާ ކުދިންގެ ޓީޝާޓުގައި ވެސް ހާއްސަ ސްލޯގަން އެއްގެ ގޮތުގައި "އައި އޭމް ޔުނިކް" ޖަހާފައި ވަނީ އެކުއްޖަކު އަމިއްލައަށެވެ.

ފަސްވަނަ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވާން އެ ކުދިން އެ ޓީޝާޓުތައް ލިއިރު، ކުދިން އަމިއްލައަށް ތަތްގަނޑުޖަހާފައިވާ ޓީޝާޓުތަކެއް ލައިގެން އާދެވުމުން ހުރިހާ ކުދިން ވެސް ތިބީ ވަރަށް ފަހުރުވެރިވެފައި ކަމަށް ޝަތޫ މިސް ވިދާޅުވިއެވެ.

ފެނުގައި ކުޅޭ ކުޑިވަރުތައް މި ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ގްރޭޑްތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކުގައި ވެސް ތަފާތު މަޖާ ގޭމްތަކެއް ކުޅުމުގެ ފުރުސަތު ކުދިންނަށް ފަހިކޮށްދީފައިވެއެވެ.

މީގެއިތުރުން ސްކޫލުގައި ބޮޑު ވޯޓަރ ސްލައިޑެއް ބަހައްޓާފައި ހުރިއިރު ކޮންމެ ކުއްޖަކަށް ވެސް އެ ސްލައިޑް ބޭނުންކޮށްލުމުގެ ފުރުސަތު ހޯދައިދީފައިވެއެވެ.

ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް އިތުރު ސަޕްރައިޒެއް ދިނުމުގެ ގޮތުން ދެ އައިޓަމެއް ހުށަހަޅާދީފައިވެއެވެ. ފަސްވަނަ ދުވަހު، ޓީޗަރުންގެ ހާއްސަ ނެށުމެއް ހުށަހަޅައިދިންއިރު، ހަތަރުވަނަ ދުވަހު ޓީޗަރުން ލި ކޮސްޓިއުމްތަކާއެކު ފެޝަން ޝޯއެއް ބާއްވާފައިވެއެވެ. ތަފާތު ގޮތަކަށް ޓީޗަރުން ފެނުންވީ ކުދިންނަށް އުފާވެރިކަން ގެނުވި ކަމެއްގެ ގޮތުގައި ޝަތޫ މިސް ފާހަގަކުރެއްވިއެވެ.

ފަސްވަނަ ދުވަހު ޓީޗަރުން ސްކޫލަށް ހާޒިރުވީ ވެސް ދުވަހުގެ ތީމް އާ ގުޅޭގޮތަށް ޓީޝާޓުތަކެއް ލައިގެންނެވެ. ކޮންމެ ގްރޭޑެއްގެ ޓީޗަރުން ވެސް ވަކި ކުލައެއްގެ ޓީޝާޓުތަކެއް ލައިގެން އައިއިރު، އެ ޓީޝާޓުތަކުގައި ދަރިވަރުންނަށް ހާއްސަ މެސެޖެއްގެ ގޮތުގައި، "ވީ ލަވް ޔޫ" ޖަހާފައިވެއެވެ.

ފަސް ދުވަހަށް ދިގުދެމިގެންދިޔަ މި ހަރަކާތްތަކާ ގުޅިގެން ހުރިހާ ކުދިން ވެސް ތިބީ ވަރަށް އުފަލުން ކަމަށާއި، ޗިލްޑްރެންސް ޑޭ ކުރީބައިގައި ފާހަގަކޮށް، އެ ދުވަސް އެކުދިންނަށް ހާއްސަ ކޮށްދިނުމުން ހުރިހާ ކުދިން ވެސް އެކަން ވަރަށް ބޮޑަށް ބަލައިގަތްކަން ސްކޫލުގެ ސީނިއަރ މެނޭޖްމަންޓް ޓީމުން ފާހަގަކުރިއެވެ.

މި ހަރަކާތްތަކަކީ ގްރޭޑް 1 އިން 5 އަށް ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ނަމަވެސް، ސްކޫލްގެ ސެކަންޑްރީ ގްރޭޑް ތަކުގައި ކިޔަވާ ކުދިންނަށް ވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މޯނިންގް ސެޝަންގައި ކިޔަވާ ސެކަންޑްރީ ގްރޭޑްތަކުގެ ކުދިންނަށް، ސްޓޭޖް ހަރަކާތްތަކެއް ޓީޗަރުން ހުށަހަޅައިދިން އިރު ބޮޑުބެރު ގުރޫޕެއްގެ ހުށަހެޅުންތަކެއް ގެނެސްދީފައިވެއެވެ. މީގެއިތުރުން ވެސް އެކުދިން ގަޔާވާފަދަ ހަރަކާތްތަކެއް އެ ދުވަސްތަކުގެ ތެރޭގައި ގެނެސްދީފައިވެއެވެ.

އަދި ސްކޫލްގައި ކިޔަވާ ހުރިހާ ކުދިންނަށް ސްކޫލްގެ ފަރާތުން ހާއްސަ ހަދިޔާއެއް ވެސް ދީފައިވެއެވެ.



More from vNews