މީޑިއާތައް އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ލިބޭ ހިތްހަމަޖެހުމެއް: ނައިބު ރައީސް

Sat, 04 May 2024 02:22 PM

View on this article on vNews

މީޑިއާތައް އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ލިބޭ ހިތްހަމަޖެހުމެއް: ނައިބު ރައީސް

މީޑިއާތައް އަމިއްލަ ފައި މައްޗަށް ތެދުވަން ލިބުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކަށް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ނައިބު ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަދި ނޫސްވެރިންނަށާއި މުޖުތަމައުގެ އެހެން އަފުރާދުންނަށްވެސް ލިބޭނެ ހިތްހަމަޖެހުމަކީ ރައްޔިތުން އިތުބާރުކޮށްފައި ހޮވާ ސަރުކާރަކުން، އެ ރައްޔިތަކާ ދޭތެރޭގައި އަޅާލުން ގެންގުޅުން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސްކުރެއްވޭ ކަމުގައި ވިދާޅުވިއެވެ. ޚަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ދައުލަތުގެ މީޑިއާވެސް އަދި އެހެނިހެން މީޑިއާތަކުގެވެސް ހިންގުމަށް އޮތް ގޮންޖެހުމަށް ހައްލެއް ގެނެސްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ވަކި އުސޫލެއްގެ ތެރެއިން ދަޢުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މީޑިއާތަކަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައި ވާކަމަށާއި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ނޫސްވެރިންނަކީ ހަގީގަތުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށާއި، ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާ، ނޫނީ ދައުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން ކަމުގައި ވިދާޅުވިއެވެ. އަދި ގައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމުގައި ވެސް ވިދާޅުވިއެވެ.



More from vNews