މަޖިލީހަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރުން މެއި 28 ގައި

Tue, 23 Apr 2024 11:22 AM

View on this article on vNews

މަޖިލީހަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރުން މެއި 28 ގައި

ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާ ކުރުމުގެ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.



ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރުން މޭ 28 ގައި އޮންނާނެ ކަމަށެވެ. އެކަމާ ގުޅޭ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ކުރަމުން މިހާރު ގެންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހަށް ހަމަވާނެއެވެ. އެހެންކަމުން މި ދައުރުގެ އެންމެ ފަހު ޖަލްސާ އަންނަ މަހުގެ 13 ވާ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މި ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވާ ތާރީޚާ ހަމައަށް މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް ކުރިއަށްދަވާނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން 93 ދާއިރާގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށް 20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ހިއްސާވާ މައި ޕާޓީ ޕީއެންސީން ވަނީ ހޯދާފައެވެ.



More from vNews