"އިންތިހާބުގައި ގާސިމް ވާދަނުކުރައްވާނެ އެއްވެސް ހާލަތެއް ނެތް"

Thu, 08 Jun 2023 02:36 PM

View on this article on vNews

"އިންތިހާބުގައި ގާސިމް ވާދަނުކުރައްވާނެ އެއްވެސް ހާލަތެއް ނެތް"

އަންނަ ރިޔާސީ އިންތިޙާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވާދަ ނުކުރައްވާނެ އެއްވެސް ހާލަތެއް ނޯންނާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އަދި ދެކުނު ކެމްޕެއިން މެނޭޖަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް، ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އެރުވުމާއި، ކެމްފެއިން ލޯންޗްކުރުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން، މ. ކުނޫޒުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އިލްހާމް ވިދާޅުވީ، މާދަމާ ބައްވާ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ހާއްސަވަނީ، އެ ރަސްމިއްޔާތުގައި، ގާސިމް އިބްރާހިމްގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ވައުދުތައް އެމަނިކުފާނު ހާމަކުރައްވާތީ ކަމަށެވެ.

އިލްހާމް ވިދާޅުވީ، މުޖުތަމައު ތެރޭ ހުރި މައްސަލަތައް ހައްލުކުރައްވަން ގާސިމް ބޭނުންފުޅުވާ ކަމަށާއި، އެގޮތުން މުޖުތަމައު ތެރޭގައިހުރި މައްސަލަތައް ދެނެގަތުމަށްޓަކައި، ވޭތުވެދިޔަ ތިން މަސް ވަންދެން ގާސިމް އެކުލަވާލެއްވި ޓީކަމުން މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ.

އެމަނިކުފާނު ބޭނުންފުޅުވޭ ރައްޔިތުންނާ ގުޅޭ ކަންކަމަށް ހައްލެއް ގެންނަން. އެމަނިކުފާނު ބޭނުންފުޅުވޭ އެ ހައްލުގެނެސްދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް އަރުވަން. އެމަނިކުފާނަކީ ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ ސްމާޓް އެންމެ ވަރުގަދަ ބިޒްނަސްމަން ކަމަށް ވެގެންދިޔައީ. އެހެންވީމާ އެމަނިކުފާނު ވިދާޅުވަނީ ނުގެނެވޭ ހައްލެއް ނޯންނާނެ ކަމަށް.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އަދި ދެކުނު ކެމްޕެއިން މެނޭޖަރު އިލްހާމް އަހުމަދު

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ، ޖުމްހޫރީ ޕާޓީގެ މުޅި ހަޔާތުގައި ކޯލިޝަނަކާ ނުލާ ބާއްވާ ފުރަތަމަ އިންތިހާބުކަން ފާހަގަކުރައްވާ، އިލްހާމް ވިދާޅުވީ، އެ ޕާޓީއާއެކު ކޮލިޝަން ހެދުމަށް އަދި އެއްވެސް ޕާޓީއެއް ހަމަޖެހިފައިނުވި ނަމަވެސް، އެކި ސިޔާސީ ޕާޓީތަކާއެކު އަދިވެސް އެކަމުގެ މަޝްވަރާތައް ކުރަމުންގެންދާ ކަމަށެވެ.

މީގެއިތުރުން، މާދަމާ ބާއްވާ ޖަލްސާ ވެގެންދާނީ ޖޭޕީގެ ހަޔާތުގައި ބާއްވާ އެންމެ ޝަރަފުވެރި، އެންމެ ރީތި، އެންމެ ހިތްގައިމު އިވެންޓްކަން ފާހަގަކުރައްވާ، އިލްހާމް ވިދާޅުވީ، އެ ޖަލްސާ އިންތިޒާމު ކޮށްފައިވަނީ މިޒަމާނުގެ ޒުވާނުންނަށް ވެސް އެންމެ އެކަށީގެންވާ ގޮތަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ، މާދަމަރޭ 8:30ގައި އަލިމަސް ކާނިވަލުގައެވެ. އެ ޖަލްސާގައި، ގާތްގަނޑަކަށް 4000 ވަރަކަށް މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އަދި މި އިވެންޓުގެ މެނޭޖަރު ރިޔާޒް ރަޝީދު ވަނީ ވިދާޅުވެފައެވެ.

ޖަލްސައަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް މިހާރުވަނީ ގޮނޑިވެސް ހަމަޖައްސާފަ ކަމަށާއި، އެގޮތުން ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް އިށީންނަވަން ޖެހެނީ ކޮން ގޮނޑިތަކެއްގައި ކަންވެސް އެ ބޭފުޅުންނަށް އަންގާފައިވާނެ ކަން ރިޔާޒް ހާމަކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ، އެ ޕާޓީގެ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް އިބްރާހީމް ކަން އިއުލާނުކުރުމާއެކު، ސިޔާސީ ގޮތުން ހައިބަތުބޮޑު ގިނަ ފަރާތްތަކަކުން އަންނަނީ، ޤާސިމް އާއި ޖޭޕީއާ އެކުގައި މަސައްކަތްކުރުމަށް ނިންމައި، އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ.

ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގައި 23،000 އެއްހައި މެމްބަރުން ތިބޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އަދަދު ބޮޑުތަނުން އިތުރުކުރުމެވެ. މި އަޒުމުގައި ޕާޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަމުންނެވެ.



More from vNews