ޖަރުމަންވިލާތުގެ މަޝްހޫރު ނޫސްވެރިންގެ ޓީމެއް ރާއްޖޭގައި

Thu, 08 Jun 2023 01:19 PM

View on this article on vNews

ޖަރުމަންވިލާތުގެ މަޝްހޫރު ނޫސްވެރިންގެ ޓީމެއް ރާއްޖޭގައި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ދައުވަތަކަށް ޖަރުމަންވިލާތުގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުން ހިމެނޭ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ޓީމު ރާއްޖެ އައިސްފައިވަނީ މޭ މަހުގެ 29ވަނަ ދުވަހުއެވެ. އަދި ޖޫން4ގެ ނިޔަލަށް ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތަކާއި ރާއްޖޭގެ މެހެމާންދާރީ މި ޓީމުން ތަޖުރިބާކުރި ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ޓީމުގެ ފެމިލިއަރައިޒޭޝަން ދަތުރު ފަށާނީ ވިޒިޓް މޯލްޑިވްސް’ ސްޓޯރީޓެލަރސް ކޮންފަރެންސް2023ގައި ބައިވެރިވުމަށްފަހުގައި ކަމަށާއި މި ދަތުރުގައި މި ޓީމު ތިބީ ލެ މެރިޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަދި ޑަބްލިއު މޯލްޑިވްސްގައެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް2023 ތަޖުރިބާ ކުރުމުގެ ފުރުސަަތު މި ޓީމަށް ލިބުނުއިރު 30 މެއި އިން02 ޖޫންއަށް ބާއްވާ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރަންސް 2023 އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 70އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން، ޓްރެވަލް ލިޔުންތެރިން، ނޫސްވެރިން، ބްލޮގަރުން، އިންފްލުއެންސަރުން އަދި މީޑިއާގެ ތަޖުރިބާކާރުން އެއްތަންވެ، ރާއްޖެއާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ގަތާލުމަށް، ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވި މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ.

މި ކޮންފަރެންސް ނިމުމުން، މި ކޮންފަރެންސްގެ ބައިވެރިން ހޮވުމަށް ބޭއްވުނު ސޯޝަލް މީޑިއާ މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަށް ރާއްޖޭގެ ރީތިކަމާއި ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުރި ތަފާތު ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުނެވެ. މީގެ ތެރޭގައި މަންޓާ އާއި ވޭލް ޝާކްއާއެކު ސްނޯކްލް ކުރުމުން ފެށިގެން ވޯޓާ ސްޕޯޓްސް، ކަލިނަރީ ޓުއާސް، އައިލެންޑް ހޮޕިން އަދި ސޭންޑްބެންކް ޕިކްނިކް ފަދަ ހަރަކާތްތައް ހިމެނުނެވެ.

މި މީޑިއާ ދަތުރަކީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކަށް ކަނޑައަޅާފައިވާ، އެމްއެމްޕީއާރުސީއިންގެ މާކެޓިންގ ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ.

މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް މި ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި މާކެޓްކުރުމެވެ. ޖަރުމަނުވިލާތަކީ ރާއްޖެއަށް4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓެވެ. ޖޫން 6ގެ ނިޔަަލަށް 61,674 ފަތުރުވެރިން ވަނީ މި އަހަރު ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މި އަހަރު ޖަރުމަނު މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް، ކެމްޕޭންތަކާއި ޕްރޮމޯޝަންތައް ހިމެނޭ ބޮޑު ޕްލޭނެއް އެމްެއެމްޕީއާރުސީން ވަނީ އެކަށައަޅާފައެވެ.



More from vNews