އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވާލަން ސަރުކާރުން ތާއީދުކޮށްފި

Thu, 08 Jun 2023 01:13 PM

View on this article on vNews

އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވާލަން ސަރުކާރުން ތާއީދުކޮށްފި

ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކުރުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަސްވަރާތައް ފެށުމަށް އާންމުކޮށް އިއުލާން ކުރުމުން އެކަމަށް ދިވެހިސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

މި މަސައްކަތް ފެށުމަށްޓަކައި ދިވެހިރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ހުރި އުނދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަތުމަށްޓަކައި ޙިޔާލު ހުށަހެޅުމަށް މިއަދު ހެނދުނު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އާންމުކޮށް އިއުލާންކޮށްފައެވެ.

ދިވެހިރާއްޖެއަކީ މިވަގުތު ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއިކޮށްފައިނުވާ އަދި ޕްރިފަރެންޝަލް މަރކެޓް އެކްސެސް ނުލިބޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭގައުމެކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުގައި ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރުވާ އުފެއްދުންތެރިކަން އިތުރުކޮށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް އެތެރެކުރެވޭނެ މަގުތައް ފަހިކުރުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއްދީފައި ކަމަށް ސަރުކާރުން ބުނެއެވެ.

މިގޮތުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 އިންސައްތަ ޓެކުސް ކަނޑާލުމަށްޓަކައި ފާއިތުވީ 4 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ގިނަގުނަ މަޝްވަރާތަކެއް ކޮށްފައިވެއެވެ.

މި މަޝްވަރާތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

އަދި ރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިގްތިސާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ގައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.



More from vNews