ރާއްޖޭގެ ފުރަތަމަ އިންޓަރނެޓް ގަވަރނަންސް ފޯރަމް ބާއްވަނީ

Thu, 08 Jun 2023 11:26 AM

View on this article on vNews

ރާއްޖޭގެ ފުރަތަމަ އިންޓަރނެޓް ގަވަރނަންސް ފޯރަމް ބާއްވަނީ

ރާއްޖޭގެ ފުރަތަމަ އިންޓަރނެޓް ގަވަރނެންސް ފޯރަމް މިމަހުގެ 16 އަދި 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ފޯރަމްގެ ސެޝަންތައް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މެއިން ކެމްޕަސް ގައި ބޭއްވުމަށް ހަމަޖެހިފަވާއިރު އޮންލައިންކޮށް ސެޝަންތަކުގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވިމެން އިން ޓެކް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

މޯލްޑިވްސް އިންޓަރނެޓް ގަވަރނެންސް ފޯރަމްއަކީ އިންޓަރނެޓް ހިންގުމާއި އިންޓަރނެޓް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން އެކި ފަންތީގެ މީހުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ މަގްސަދުގައި ބާއްވާ ފޯރަމެކެވެ.

މި ފޯރަމް މެދުވެރިކޮށް އެކި ފަންނުތަކުގެ މީހުންގެ ޚިޔާލު ބަދަލަކޮށް އެކުގައި މަސައްކަތްކުރުމާއި އައު ޚިޔާލާއި އީޖާދު ކުރުމަށް މަޝްވަރާކުރާނެ ފުރުސަތު ލިބޭނެ ކަމަށް ވިމެން އިން ޓެކް އިން ބުނެއެވެ.

އެކި ގައުމުތަކުގައި މި ފޯރަމް ބާއްވަނީ ގްލޯބަލް އިންޓަރނެޓް ގަވަރނެންސް ފޯރަމްގެ އިރުޝާދުގެ ދަށުން އެގައުމަކަށް ޚާއްސަ އެކި ދާއިރާތައް ހިމެނޭހެން އެކުލަވާލެވިފައިވާ ޓީމަކުންނެވެ.

"މޯލްޑިވްސް އައި.ޖީ.އެފް 2023"ގެ ތީމް ތަކަކީ:

1.ޑިޖިޓަލް ޑިވައިޑް ކުޑަކުރުން: އިންޓަރނެޓުން ގެނުވާ ބައިބައިވުން ކުޑަކުރުމާއި, އިންޓަރނެޓްގެ އަގާއި އިންޓަރނެޓް ލިބޭ ހިސާބުތަކާއި މިންވަރު އަދި ޑިޖިޓަލް ޑިވައިޑް ކުޑަކޮށް އިންޓަރނެޓަކީ އެންމެންނަށް ހަމަހަމަ އެއްޗަކަށް ހެދުމަށް މަސައްކަތްކުރުން

2. ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި ފްރީޑަމް އޮފް އެކްސްޕްރެޝަން: އިންޓަރނެޓް ކަނޑާލުމާއި ސެންސަރު ކުރުމާއި ދޮގު މައުލޫމާތު ފެތުރުމާއި ގުޅޭ މައްސަލަތަކާއި ވަކި ޖިންސަކަށް އަމާޒުކޮށްގެން އޮންލައިންކޮށް ކުރާ ފުރައްސާރަތައް ހުއްޓުވުމާއި ހުރިހާ އެންމެންނަށްވެސް ބައިވެރި ވެވޭ ރައްކާތެރި އެއްޗެއްގެ ގޮތުގައި އިންޓަރނެޓް ހެދުން.

3. ޑޭޓާ އަދި މައުލޫމާތު ބެލެހެއްޓުމާއި ގެންގުޅުން ހަރުދަނާކުރުން: އަމިއްލަ ފަރުދުންނާއި ޖަމާއަތްތަކުން އެބައެއްގެ ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ޑޭޓާ ގަވަނަންސް, އޯޕެން ޑޭޓާ އަދި މައުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ގެންގުޅުމާއި ސުލޫކީ މިންގަޑުގައި ހިފެހެއްޓުން

4. އީޖާދީ އައު ޓެކްނޮޮލޮޖީތައް: އާރޓިފިޝަލް އިންޓެލިޖެންސް,ސްމާރޓްސިޓީ, ކްލައުޑް ޓެކްނޮލޮޖީސް, އަދި ބްލޮކް ޗެއިން ފަދަ އިމާރޖިން ޓެކްނޮލޮޖީތަކުގެ ބޭނުންކޮށްގެން މުޖުތަމައު އަށް ރައްކާތެރި ގޮތެއްގައި ފައިދާ ހޯދުން.

5.ޑިޖިޓަލް އިކޮނޮމީއަކަށް ބިނާ ކުރުމަށް ޖާގަދިނުން: ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާވާ އިގްތިސާދެއް ބިނާކުރުމާއި ޑިޖިޓަލް އައިޑެންޓިޓީ, ޕޭމެންޓް ސިސްޓަމް އަދި ފިންޓެކްގެ ދާއިރާއާއި ރިސާރޗުކުރުމާއި ވިޔަފާރިކުރުމާއި އައު އީޖާދުތައް އުފެއްދުން.

6. ސައިބަރ ވެށީގެ ރައްކާތެރިކަމާއި ރެސިލިއެންސް: ޕްރައިވެޓް ސެކްޓަރ އާއި ސަރުކާރު ގުޅިގެން އޮންލައިންކޮށް ރައްކާތެރި ވުމާއި, މެލްވެއަރ ތްރެޓްސް , ރެންސަމްވެއަރ , ސްކޭމް ތަކުން ރައްކާތެރިވުން.

މޯލްޑިވްސް އިންޓަނެޓް ގަވަރނަންސް ފޯރަމް (އައިޖީއެފް) ގައި ސެޝަންތައް ބާއްވަން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ބައިވެރިވެ ސެޝަނެއް ބާއްވަން ބޭނުންވާ ހުރިހާ ފަރާތްތަކުން ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

https://airtable.com/shrWQD6SyIrNUd3jp

މިފޯރަމްގެ ސެޝަންތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ލިންކު:

https://airtable.com/shrWQD6SyIrNUd3jp

ތަފާތު ދާއިރާތައް ތަމްސީލުކުރާ އެކްޒެކެޓިވް ކޮމިޓީއަކާއި އެޑްވައިޒަރީ ކޮމިޓީއަކުން އިސްނަގައިގެން ހިންގާ މޯލްޑިވްސް އިންޓަނެޓް ގަވަރނަންސް ފޯރަމް (އައިޖީއެފް) މިއަހަރު ބާއްވަނީ ވިމެން އިން ޓެކް މޯލްޑިވްސް އިންނެވެ. އިތުރު މައުލޫމާތު https://maldives.intgovforum.org/en މި ވެބްސައިޓުން ލިބޭނެ ކަމަށް ވިމެން ޓެކް އިން ބުންޏެވެ.



More from vNews