ސަމާ ކިޔައިދިނީ މީސްމީޑިއާ އެންމެ ރަނގަޅަށް ބޭނުންކުރާނެގޮތް

Mon, 05 Jun 2023 11:50 AM

View on this article on vNews

ސަމާ ކިޔައިދިނީ މީސްމީޑިއާ އެންމެ ރަނގަޅަށް ބޭނުންކުރާނެގޮތް

ފަނޑުވެ، ކިލަނބުވަމުންދާ ދިވެހި ޓިކްޓޮކް ކޮމިއުނިޓީގެ ހައިބަތު ބޮޑުކޮށްދީ، މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ސަމާ ޝަރީފް ދިވެހިންނަށް މީސްމީޑިއާގެ މަންސަތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރާނެގޮތް ކިޔައިދީފިއެވެ.

ޓިކްޓޮކްގެ އެކި ލައިވްތަކުގައި ހަޑިހުތުރު މަންޒަރުތަކާއި، ބޭއަދަބީ ވާހަކަތައް ދައްކައި، އެތައް ހަމަނުޖެހުންތަކެއް ހިންގައި، އެ ހަމަނުޖެހުންތައް މަގުމައްޗަށް ނެރެ، ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީގެ ނަން، ވަރަށް ބޮޑަށް މިވަނީ ކިލަނބުވެފައެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެރޭ، ޓިކްޓޮކް ލައިވް އަކުން ފެށުނު ޒުވާބެއްގައި، ޓިކްޓޮކް ބޭނުންކުރާ ދެ ދިވެއްސެއްގެ މެދުގައި ފެށުނު ހަމަނުޖެހުންތައް ނިމުނީ، މަގުމަތީގައި މާރާމާރީ ހިންގައިގެންނެވެ. ގިނަބަޔަކު މަގުމަތީގައި ވެސް ހަރަކާތްތެރިވަމުންދިޔަ ވަގުތެއްގައި، އޭޑީކޭ ހޮސްޕިޓަލް ކުރިމަތީގައި މި މާރާމާރީ ހިންގިއިރު، ހަޑިހުތުރު ބަސްތައް ބޭނުންކޮށްގެން އަޑުގަދަކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މިއާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ދިވެހި ޓިކްޓޮކް ކޮމިއުނިޓީއަށް އަމާޒުވެފައި ވަނިކޮށް، ކިލަނބުވެފައިވާ އެ ނަން އަލުން މީހުން ބަލައިގަންނަ ނަމަކަށް ސަމާ ވަނީ ހަދައިދީފައެވެ.

ސަމާ ކުރިއަށްގެންދިޔަ ޓިކްޓޮކް ލައިވެއްގައި ހާއްސަ އެހީއަށް ބޭނުންވާ ދިވެހި ކުއްޖެއްގެ އޮޕަރޭޝަނަށް ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައި ދީފައިވެއެވެ.

ސަމާ، މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އެ ލައިވްއަކީ ބޮލުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭ ކުޑަ ކުއްޖެއް ކަމަށްވާ ޔޫސުފް ހާމިދު މުހައްމަދަށް އެހީ ހޯދަން ބޭއްވި އިވެންޓެކެވެ. ސަމާ ލައިވް ފަށަމުން ވެސް ވަނީ އެއީ ޔޫސުފްއަށް އެހީވުމަށް ހިންގާ ހަރަކާތެއްކަން ފާހަގަކޮށްފައެވެ. އެ ލައިވްގައި ޔޫސުފްގެ މައިންބަފައިން ތިބި އިރު، ލައިވްގެ ވަކި ހިސާބަކުން ޔޫސުފް ވެސް ދައްކާލާފައިވެއެވެ.

އެތައް ދިވެހިންނަށް ބަލަމުންދިޔަ މި ލައިވްގައި ޔޫސުފްގެ ބެލެނިވެރިން ވަނީ، ޔޫސުފްގެ ބަލި ހާލަތުގެ ތަފްސީލް ހިއްސާކޮށްދީފައެވެ. ޔޫސުފްގެ އާއިލާއިން ކިޔައިދިން ގޮތުގައި، ޔޫސުފް އުފަންވިތާ 12 ދުވަސްފަހުން، ޔޫސުފްގެ ބޯ މާބޮޑަށް ބޮޑުވާން ފެށި ކަމަށާއި އެންއައިސީޔޫގައި އޮއްވާ ކުއްލިއަކަށް ފިޓް ޖެހި ސާޖަރީއެއްވެސް ކުރަން ޖެހުނެވެ. މިހާތަނަށް ޔޫސުފްގެ އަށް ސާޖާރީއެއްކޮށްފައިވާކަން އާއިލާއިން ހާމަކުރެއެވެ.

އެ އާއިލާއަށް މާލީ އެހީތެރިކަން ބޭނުންވާކަން ހާމަކުރުމާއެކު، ގިނަ ދިވެހިންތަކެއް ވަނީ، ދިވެހިންގެ އެއްބައިވަންތަކަމާއި، އަހުވަންތަކަން ދައްކައިދީފައެވެ. އެންމެ ގަޑިއިރެއްގެ ތެރޭގައި 50،0000 ރުފިޔާއަށް ވުރެ ބޮޑު އެހީތެރިކަމެއް ޔޫސުފްގެ އާއިލާއަށް ފޯރުކޮށްދީގެންނެވެ.

ސަމާ ވަނީ ޓިކްޓޮކް ލައިވްގައި، މި ފައިސާ ޔޫސުފްގެ އާއިލާއާ ހަވާލުކޮށްފައެވެ.

ސަމާގެ މި އިވެންޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފުކުރަމުންނެވެ. އަދި މިވީތަނަށް ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރަމުން އަންނަ ފަރާތްތަކުގެ ފަރާތުން ފެންނަނީ ބޭއަދަބީ ކަންތައްތައް ކަމަށްވީ ނަމަވެސް، ސަމާގެ އިވެންޓުން ނަމޫނާ ހާސިލްކޮށް، މުސްތަގްބަލުގައި ދިވެހި ޓިކްޓޮކް ކޮމިއުނިޓީ އަކީ ވެސް ދިވެހިން ބަލައިގަންނަ ބަޔަކަށްވުމަށް މަސައްކަތްކުރާނެކަމަށް އުއްމީދުކުރާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.



More from vNews