"ހަމަޖެހުން ގާއިމްކުރެވޭނީ ރައީސަށް ދެވަނަ ދައުރެއްދީގެން"

Mon, 05 Jun 2023 11:32 AM

View on this article on vNews

"ހަމަޖެހުން ގާއިމްކުރެވޭނީ ރައީސަށް ދެވަނަ ދައުރެއްދީގެން"

މުޖުތަމައުގެ ހަމަޖެހުން ގާއިމްކުރެވޭނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދީގެން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައިމިވަނީ އެމަނިކުފާނު ލީޑްކުރައްވަމުންގެންދަވާ، އަދާލަތު ޕާޓީން ބޭނުންވާ ކަންކަން ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާ ވަގުތެއްގައެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޖުމައުގެ މަސްލަހަތާއި ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދީގެން ކަމަށެވެ.

އަދި ފަރުދުންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް ގައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް ސާލިޙްގެ ސަރުކާރު ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބު ކުރުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ރައީސަށް ދެވަނަ ދައުރެއްދޭން ޖެހޭ ކަމަށް އިމްރާން ވިދާޅުވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ރައީސް ސާލިހަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމި ނިންމުމަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމައި އެކަން އިއުލާނުކުރަމުން އަދާލަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުގައި މަސައްކަތްކޮށް ރިޔާސީ އިންތިޚާބާ ކުރިމަތިލުމަށް ރައީސް ސޯލިހުގެ ފަރާތްޕުޅުން އެމްޑީޕީން ދިން ދައުވަތު ގަބޫލުކޮށް، ރައީސް ސޯލިހަށް ތާއީދުކުރަން، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ، މިވަގުތުގެ ހާލަތުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތްގޮތަކީ ވެސް އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީއަށް މަސައްކަތްކުރެވެން އޮތީ ވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް އިންތިޚާބު ކޮށްގެންކަމަށް ފެންނާތީ ކަމަށް، އަދާލަތު ޕާޓީން އާންމުކުރި ބަޔާނުގައި ބުނެފައިވެއެވެ.

އަދާލަތު ޕާޓީން ރައީސް ސޯލިހަށް ތާއީދުކުރުމަށް ނިންމާފައިވާއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ ރައީސަށް ތާއީދުކުރުމަށް ނިންމާފައެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކުރިން ނިންމައި އެކަން އިއުލާންކުރިނަމަވެސް، އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ވަނީ އެ ނިންމުން އަނބުރާ ގެންދަވާފައެވެ.

އެމްޑީއޭ އަދި އެ ޕާޓީގެ ރައީސް ސިޔާމް ވެސް މީގެކުރިން ވަނީ، ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާފައިވެއެވެ.



More from vNews