"ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފޯމިއުލާއަކީ ރައީސް ޞާލިޙް"

Mon, 05 Jun 2023 11:26 AM

View on this article on vNews

"ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފޯމިއުލާއަކީ ރައީސް ޞާލިޙް"

ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ކަމަށް، ރާއްޖޭގެ ދާހިލީ ވަޒީރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސް ޞާލިޙާއި، އެމަނިކުފާނުގެ ވަޒީރުން އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ސަފުގައި މަސައްކަތްކުރާ މެމްބަރުން ކެމްޕެއިން ކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި މިނިސްޓަރ އިމްރާން ވިދާޅުވީ، މުޖުތަމައުގެ މަސްލަހަތާއި ހަމަޖެހުމާއެކު ފަރުދުންގެ ރައްކާތެރިކަން ކަށަވަރުވާގޮތަށް ގައުމު ތަރައްގީކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް ޞާލިޙް ކަމަށެވެ.

މިނިސްޓަރ އިމްރާން ވަނީ، ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިނިސްޓަރ އިމްރާން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ، އަދާލަތު ޕާޓީ އަކީ މިހާރު މިއޮތް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓްނަރުންގެ ތެރެއިން، ރައީސް ޞާލިޙަށް ދެވަނަ ދައުރެއްދިނުމަށް ތާއީދުކޮށް، އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމާފައިވާ ހަމައެކަނި ޕާޓީއެވެ. ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ، އެ ޕާޓީގެ ކެންޑިޑޭޓަކު އިއުލާނުކޮށް، ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވަކި ކެންޑިޑޭޓަކު ނެރެން ނިންމާފައެވެ. އެ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާޙީމެވެ.

ކޯލިޝަންގައި ދެން ހިމެނޭ ޕާޓީ، ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓުން ރައީސަށް ތާއީދުކުރުމާ މެދު އަދި އެއްވެސް ގޮތެއް ނިންމާފައި ނުވާއިރު، ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ބޭނުންވާ 3000 މެމްބަރުން ހަމަ ނުވާތީ އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިހާރު އޮތް ސަރުކާރު ކޯލިޝަންގައި ނުހިމެނުނު ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ތާއީދުކޮށް ކޯލިޝަނެއް އެކުލަވާލި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވަނީ ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމާފައެވެ.

ރިޔާސީ އިންތިޚާބަށް ތިން މަސް ދުވަހަށް ވެފައިވާއިރު، ސަރުކާރުން މި ދުވަސްވަރާ ދިމާކޮށް ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނައިރު، މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ. މި މަޝްރޫއުތައް އިފްތިތާހުކުރުމަށް ނުވަތަ މަސައްކަތް ނިންމާ ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުތަކުގައި ރައީސް ޞާލިޙް ގެންދަވަނީ، އެއް ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށް ވިދާޅުވަމުންނެވެ.



More from vNews