ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޖޮއިންޓް ބައްދަލުވުމެއް ބާއްވަނީ

Mon, 05 Jun 2023 11:01 AM

View on this article on vNews

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޖޮއިންޓް ބައްދަލުވުމެއް ބާއްވަނީ

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ބާއްވާ "މޯލްޑިވްސް – ސްރީލަންކާ ޖޮއިންޓް ކޮމިޝަން"ގެ ހަތަރުވަނަ ސެޝަން ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މިމަހުގެ6 އިން 7އަށް ބާއްވާން ނިންމައިފިއެވެ.

މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން ބުނީ މިޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު އާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ އެމްޔޫއެމް އަލީ ސަބްރީ ކަމަށެވެ.

މިބައްދަލުވުމުގެ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގެ ކުރިން 6 ޖޫން 2023ގައި ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން" އެކުލަވާލާފައިވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކުރެވުނު އެގްރީމަންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަންގެ ދަށުން 1984ވަނަ އަހަރު އެވެ. މިޖޮއިންޓް ކޮމިޝަންއަކީ ރާއްޖެއާއި ސްރީލަންކާއަށް މުހިއްމު ދާއިރާތަކާއި ކަންކަމާ ގުޅޭގޮތުންނާއި ދެޤައުމުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް މުރާޖަޢާކުރުމަށް ދެޤައުމުގެ ސަރުކާރަށް ވެސް ލިބޭ ޕްލެޓްފޯމެކެވެ.

މިސެޝަނުގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، ޘަޤާފަތާއި، ތަޢުލީމާއި، ޞިއްޙަތާއި، މަސްވެރިކަމާއި، ދިފާޢީ ދާއިރާއާއި، ޤާނޫނާއި ޤާނޫނު ތަންފީޒުކުރުމާއި، ޒުވާނުންނާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ދާއިރާގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެ އިތުރުން، މިޖޮއިންޓް ކޮމިޝަނުގެ ހަވާސާގައި ދެޤައުމުގެ މެދުގައި ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ސެޝަން ބާއްވާފައިވަނީ 2017ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.



More from vNews