އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސަށް ބަދަލުގެންނާނެކަން ރައީސް ހާމަކުރައްވައިފި

Mon, 05 Jun 2023 10:59 AM

View on this article on vNews

އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސަށް ބަދަލުގެންނާނެކަން ރައީސް ހާމަކުރައްވައިފި

އިސްރަށްވެހިންނަށް މިހާރު ލިބެމުން އަންނަ އެލަވަންސަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސްއަށް ހެޔޮބަދަލެއް ގެނައުމަށް ކުރަންޖެހޭ ކަންކަންނިންމައި ވަރަށް އަވަހަށް ސަރުކާރުން އެބަދަލުތައް އިޢުލާނުކުރާނެ ކަން ހާމަކުރައްވާފައެވެ.

ދައުލަތުން އިނާޔަތްދޭ އެތައް ބަޔަކު އެބަތިބި. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށް އަދި އަޅުގަނޑުމެންގެ ދުވަސްވީ އިސް ރައްވެހިން. މީވެސް ކުރިއަށް އޮތް ތަނުގައި ބަދަލުތަކެއް ގެންނަން ޖެހޭނެ ދާއިރާތަކެއް. ޑިސްއެބިލިޓީ އެލަވެންސާއި ބެހޭގޮތުން އެންމެ ފުރަތަމަ އަޅުގަނޑު ވާހަކަދެއްކީ މިތަނުގައި ބޭއްވި ޖަލްސާއެއްގައި. އިރާދަކުރެއްވީޔާ މިއަދު މިތާހުރެ އަޅުގަނޑު ދަންނަވަން މިޖެހެނީ އެޔާ ބެހޭގޮތުން އަޅުގަނޑުމެން ކުރަންވީ ކަންތައް ނިންމާ ވަރަށް އަވަހަށް އިއުލާން ކުރާނެ. ދެން އޮތީ އިސްރައްވެހިންނަށްދޭ އެލަވެންސަށް ގެންނަން ޖެހޭ ބަދަލު. އެވެސް އަޅުގަނޑުމެން މިހާރު މިގެންދަނީ މުތޯލިޔާކުރަމުން. އެޔަށް ގެންނަން ޖެހޭ ބަދަލުތަކާ އެކީގައި އެޔަށްވެސް ކުރިއަށް އޮތް ތަނުގައި ބަދަލުތަށް އަންނާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް

މީގެ އިތުރުން އެމަނިކުފާނު ވަނީ ކުރިޔަށް އޮތްތަނުގައި ޕޭ ހާމަނައިޒޭޝަންގެ ދަށުން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ގެންނަންޖެހޭ ހެޔޮބަދަލުތައް ގެންނަވާނެކަން ވެސް ފާހަގަކުރައްވާފައެވެ. އަދި ކޮވިޑްގެ ބަލިމަޑުކަން ކުރިމަތި ނުވިނަމަ މިހާތަނަށް އައިއިރު އެމަސައްކަތް އޮންނާނީ ނިމިފައިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް މިހާރު ކުރިޔަށްއެދަނީ އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާކަންކަމުގެ ގޮތުގައި މީގެ ކުރިން އެމަނިކުފާނަށް ހުށަހަޅާފައިވާކަންތައްކަން ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ރާއްޖޭގެ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް މީގެ ކުރިން އެއްވެސް އިރަކު ނުހިންގާހާ ބޮޑެތި ގިނަ މަޝްރޫޢުތަކެއް މި ދައުރުގެ ތެރޭގައި ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހުރިހާ މަސައްކަތެއް ނިމޭއިރު އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ ގޮތުން ކުރަންޖެހޭނެ މަދުކަމެއް ފިޔަވައި ދެން ނުހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ މި ދައުރުގައި އެންމެ އިސްކަމެއްދީނީ ޤައުމުގައި ހަމަޖެހެން ޤާއިމުކުރުމަށްކަން ފާހަގަކުރައްވައި، ކުރިޔަށް އޮތްތަނުގައިވެސް އެންމެ އިސްކަމެއް ދެއްވާނީ އެކަމަށް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށާއި ދެ ޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމަށް މިހާރަށްވުރެ ބޮޑަށް ކުރިޔަށް އޮތް ތަނުގައި އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އައްޑޫސިޓީއަށް ކުރައްވަމުންގެންދަވާ 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



More from vNews