މަހިބަދޫ ސްޓޭޑިއަމަށް ޕެލޭ ސްޓޭޑިއަމްގެ ނަންދީ، މާދަމާ ހުޅުވަނީ

Fri, 26 May 2023 05:55 PM

View on this article on vNews

މަހިބަދޫ ސްޓޭޑިއަމަށް ޕެލޭ ސްޓޭޑިއަމްގެ ނަންދީ، މާދަމާ ހުޅުވަނީ

މަރުވެފައިވާ، ފުޓުބޯޅައިގެ ރަސްގެފާނު ޕެލޭގެ ނަމުން ނަންދީ، އދ. މަހިބަދޫ ސްޓޭޑިއަމް ހުޅުވަން ނިންމައިފިއެވެ.

މާދަމާ އެ ސްޓޭޑިއަމް ހުޅުވަން ނިންމާފައި މިވަނީ، ޕެލޭގެ ހަނދާން އައުކޮށް، އޭނާގެ ހަނދާނުގައި ކޮންމެ ގައުމެއްގައި ވެސް އޭނާގެ ނަމުން މަދުވެގެން އެއް ސްޓޭޑިއަމަށް ނަން ދިނުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެދިފައިވަނިކޮށެވެ. އިންފަންޓީނޯ މިފަދައިން އެދިފައިވަނީ، ޕެލޭގެ ޖަނާޒާ ހަފްލާގައި ބައިވެރިވެ ވާހަކަދައްކަމުންނެވެ.

މިގޮތަށް މިކަން ކުރުމުގެ މަގްސަދަކީ، ފުޓުބޯޅައިގެ އަންނަން އޮތް ޖީލުތަކަށް ޕެލޭ އަކީ ކާކުކަން އަންގައިދީ، އޭނާއަކީ ކިހާ ވަރެއްގެ ކުޅުންތެރިއެއްކަން އަންގައިދިނުން ކަމަށް އިންފަންޓީނޯ ބުނެފައިވެއެވެ. އެގޮތުން މީގެ އަހަރުތަކެއް ނުވަތަ ގަރުނެއް ފަހުންވިޔަސް، އެގޮތަށް ނަން ދީފައިވާ ސްޓޭޑިއަމެއްގައި ކުޅުންތެރިއަކު ލަނޑު ޖަހައި ކޮންމެ ފަހަރަކު ޕެލޭގެ ހަނދާން އައުވާނެ ކަމަށް އިންފަންޓީނޯ ވަނީ ބުނެފައެވެ.

ޕެލޭ ސްޓޭޑިއަމުގެ ނަމުން މަހިބަދޫ ފުޓުބޯޅަ ދަނޑަށް ނަންދީ، އެ ސްޓޭޑިއަމް ހުޅުވަން ނިންމާފައިވަނީ މާދަމާ 15:15 ގައެވެ. ދަނޑު ހުޅުވުމުގެ ގޮތުން ހާއްސަ މެޗެއް ވެސް ކުޅުމަށް ނިންމާފައިވެއެވެ. މި މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި މަހިބަދޫ ފުޓުބޯޅަ ޓީމެވެ.

ރާއްޖޭގެ އެންމެ ރީތި އެއް ފުޓުބޯޅަ ސްޓޭޑިއަމް އަދި ދުނިޔޭގައި ވެސް މަގްބޫލުކަން ހޯދާފައިވާ މަހިބަދޫ ސްޓޭޑިއަމް ޕެލޭއަށް ހާއްސަކުރަން ނިންމާފައިވާއިރު، މަހިބަދޫ އަކީ ރާއްޖޭގެ ތާރީޚުގައި އެތައް ފުޓުބޯޅަ ތަރިންތަކެއް އުފައްދާދިން ރަށެކެވެ.

އެގޮތުން ރާއްޖޭގައި އުފެދުން އެންމެ މޮޅު ގޯލްކީޕަރުކަމަށް ގިނަބަޔަކު ގަބޫލުކުރާ އިމްރާން މުހައްމަދުއާއި، ކުރީގެ އިތުބާރު ފޯވާޑް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) އަކީ މަހިބަދޫއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.


More from vNews