ވިސާ ހޯދަން ދިވެހިން އިންޑިއާ އެމްބަސީ ކައިރީ ރޭގަނޑުން ފެށިގެން ކިއުގައި!

Thu, 25 Feb 2021 08:49 AM

View on this article on Vaguthu

ވިސާ ހޯދަން ދިވެހިން އިންޑިއާ އެމްބަސީ ކައިރީ ރޭގަނޑުން ފެށިގެން ކިއުގައި!

އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރުކުރަން ޖެހޭ ދިވެހިން ވިސާ ހޯދުމަށް އިންޑިއާ އެމްބަސީއަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅަން ރޭގަނޑުން ފެށިގެން ޖެހިގެން އަންނަ ދުވަހު އޮފީސް ހުޅުވުމާއި ހަމައަށް ކިއުގައި ތިބެން ޖެހޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.

ކޮވިޑް-19 ފެތުރެމުން އަންނާތީ އިންޑިއާ އަށް ދަތުރު ކުރަން މިހާރު ދިވެހިން ވެސް ދަތުރު ކުރުމުގެ ކުރިން ވިސާ ނަގަން ޖެހެއެވެ. ވިސާ ދޫކުރުމަށް ހާއްސަ ފޯމް އިންޑިއާ އެމްބަސީ އިން ކޮންމެ ދުވަހަކު ހެނދުނު ބަލައި ގަންނަން ފެށުމުގެ ކުރިން ރޭގަނޑު ވަރަށް އިރައިކޮޅުން ފެށިގެން ގިނަ ބަޔަކު ކިއުގައި ޖެހިގެން ތިބެއެވެ.

ވިސާ ހޯދަން އިންޑިޔާ އެމްބަސީ ކައިރީ ދިވެހިން ކއު ހަދައިގެން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ކިއުގައި ހުރި މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ވިސާ ފޯމް ހުށަހަޅަން ކިއުގައި ޖެހެން ޖެހެނީ އޮންލައިންކޮށް ވިސާ ފޯމް ހުށަހެޅުނު ނަމަވެސް ލިޔެކިޔުންތަކުގެ އަސްލް އިންޑިއާގެ އެމްބަސީއަށް ހުށަހަޅަން ޖެހޭތީ ކަމަށެވެ.

"ލިޔުންތަކުގެ އަސްލު ހުށަހަޅަން ޖެހޭ ގޮތައް އޮތުން އެއީ ކުރަން ޖެހޭ ކަމަކަށް ވެދާނެ. ނަމަވެސް މިއީ މިހާރު މިކަން އޮންނަންވީ ގޮތެއް ނޫން. ބޭންކްތަކުގައި ޗެކް ޖަމާކުރަން ހުންނަ ޒާތުގެ ފޮއްޓެއް މިތަނުގައި ބަހައްޓައިގެން ވެސް މިކަން ކުރެވިދާނެ ދެއްތޯ. ވިސާ ނަގަން އަންނަ ދުވަހު ވެރިފައި ކުރަން ޖެހޭ ކަމެއް އިތުރަށް އޮތިއްޔާ އެކަމެއް ވެރިފައި ކޮށްލެވިދާނެ. ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ގޮތައް މިކަން ރާވާފައި ވަނީ." ވިސާ ހޯދަން ކިއުގައި ހުރި މީހަކު ބުންޏެވެ.

ވިސާ ހޯދަން އިންޑިޔާ އެމްބަސީ ކައިރީ ދިވެހިން ކއު ހަދައިގެން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ވިސާ ހޯދަން ކިއުގައި ހުރި އިތުރު މީހަކު ބުނީ އުމުރުން ދުވަސްވީ މީހުން ވެސް އަދި ބަލި މީހުން ވެސް އެމްބަސީއަށް ގޮސް ވިސާގެ ކަންކަން ފުރިހަމަ ކުރަން ޖެހޭ ގޮތައް އޮތުމުން ވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ.

"އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނާއި އަދި މާލެ އިން ބޭރުގައި ވަޒީފާ އަދާކުރާ މީހުންނަށް ވެސް ފަސޭހައިން މިކަންކަން ކުރެވޭނެ ގޮތެއް ހަމަޖެހިފައި އޮތުން ވަރަށް މުހިއްމު." އޭނާ ބުންޏެވެ.

އޭނާ ބުނީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ގުޅުން ދުވަހަކު ރަނގަޅު ނުވާ މިންވަރަށް ރަނގަޅު ވެފައި އޮތް އިރު މިފަދަ އާދައި ކަންކަން ހައްލު ނުކުރެވި ދިއުން މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ވިސާ ހޯދަން އިންޑިއާ އެމްބަސީ ކައިރީގައި ދިވެހިން ކިއު ހަދައިގެން ތިބެން ޖެހޭތީ މިކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށްފައި ވަނިކޮށް އިންޑިއާ އިން ދިވެހިންނަށް ދިން ހާއްސަ ހުއްދައިގެ ސަބަބުން އެތައް ބަޔަކަށް ވަނީ ބޭސްފަރުވާ ކުރުމަށް ފަސޭހަ ވެގެން ގޮސްފައެވެ.