90،000 މީހުން ވެކްސިން ޖަހައިފި

Wed, 24 Feb 2021 10:21 PM

View on this article on Vaguthu

90،000 މީހުން ވެކްސިން ޖަހައިފި

ރާއްޖޭގައި ކުރިއަށް ގެންދާ ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 90،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން ވެކްސިން ދިން މީހުންގެ އަދަދު ވަނީ 90،865 އަށް އަރާފައެވެ. އޭގެ ތެރެއިން 5،755 މީހުންނަކީ މިއަދު ވެކްސިން ދީފައިވާ މީހުންނެވެ.

މިއަދު މާލެ ސަރަހައްދުން 3،123 މީހަކަށް ވެކްސިން ދީފައިވާއިރު، އަތޮޅުތެރެއިން 2،263 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

މިހާތަނަށް އެންމެ ގިނަ މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ ސަރަހައްދުން 64،900 މީހަކަށް ވެކްސިން ދީފައިވާއިރު، އަތޮޅުތެރެއިން ވެކްސިން ދީފައިވަނީ 25،965 މީހަކަށެވެ.

ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ކޮވިޑޝީލްޑް ވެކްސިނެވެ.

މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ދީފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން މި ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިމަހުގެ އެއް ވަން ދުވަހުން ފަށައިގެންނެވެ.