ކައިވެނި ކުރަން މޮރޮކޯ އަންހެން ކުދިން ގެނެސްދޭ ކަމަށް ބުނެ ހަދާފައިވާ ޕޯސްޓަރާއި ގުޅިގެން މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މީސްމީޑިއާގައި ދައުރުމުން އަންނަ "މޮރޮކޯގެ އަންހެނުންނާ ކައިވެނި ކުރަން ދިވެހިންނަށް ރަނުގެ ފުރުސަތެއް އެބައޮތް" ޕޯސްޓަރަކީ ހިއުމަން ޓްރެފިކިން އަށް ހިތްވަރު ލިބޭ ގޮތަށް ހަދާފައިވާ ޕޯސްޓަރެއް ކަމަށާއި އެފަދަ މައްސަލަ ތަކަކީ އެ މުއައްސަސާ ނުހަނު ކަންބޮޑުވާ ސީރިއަސް މައްސަލައެއް ކަމަށެވެ.
އެހެން ކަމުން މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ އެފަދަ ޕޯސްޓުތައް ތަފާތު މަންސަތަކުގައި އެއްވެސް ފަރާތަކުން ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެ ޕޯސްޓަރުގައި ކަމާއި ގުޅުން ނެތް މީހެއްގެ ނަންބަރު ޖަހާފައިވާ މައްސަލަވެސް އެ މުއައްސަސާއިން އަންނަނީ ބަލަމުންނެވެ.
މީސްމީޑީއާގައި ދައުރުވަމުން އަންނަ ޕޯސްޓަރުގައި ޖަހާފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒުގެ އިތުރުން އެ އޮފީހުގެ އެހެން މުވައްޒަފެއް ކަމަށްވާ މުހައްމަދު ޝުރެއިހުގެ ފޯނު ނަންބަރުއެވެ. އެ ޕޯސްޓަރުގައި ވަނީ އެކި އުމުރުފުރައިގެ އަންހެނުންތަކެއްގެ ފޮޓޯ ޖަހައި އެއިން ބޭނުން މީހަކު ހިޔާރުކޮށް އިނދެވިދާނެ ކަމަށް ބުނެފައިވެއެވެ.
އެ ޕޯސްޓަރުގައިވާ ގޮތުން އެއިން މީހަކާ ކައިވެނި ކުރަން ބޭނުން ނަމަ ގުޅަން ދީފައިވަނީ ޝުރެއިހާއި މަބުރޫކު މޮބައިލް ނަންބަރެވެ. އެ ޕޯސްޓަރުގައިވާ ގޮތުން ކައިވެނިކުރަން އަންހެނުން "ވިއްކާ" އަގަކީ 2،500 ޑޮލަރެވެ.