ހިޔާ ފްލެޓްތަކުގެ އަސްލު އަގު މިނިސްޓަރ އަސްލަމް ހާމަކުރައްވައިފި

Wed, 24 Feb 2021 09:30 PM

View on this article on Vaguthu

ހިޔާ ފްލެޓްތަކުގެ އަސްލު އަގު މިނިސްޓަރ އަސްލަމް ހާމަކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކަކީ އޭރު ސަރުކާރުން ހާމަކުރި އަގުގައި ނުވިއްކޭނެ ފްލެޓްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އަދި ހައުސިން އެންޑް ޕްލޭނިން އިންފްރާސްޓަކްޗާ މިނިސްޓަރ މުހައްމަދު އަސްލަމް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައި ވީނަމަވެސް މިއަދު އެންމެ ފަހުން އެފްލެޓްތަކުގެ އަސްލު އަގަކީ ކުރީ ސަރުކާރުން ވެސް ހާމަކޮށްފައި އޮތް އަގުކަމަށް މިނިސްޓަރ އަސްލަމް ވެސް އިއުތިރާފު ވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ "ފިނިޝިން މަސައްކަތްތައް ނުލާ މަސައްކަތް ކުރިއަށް ގެންދާގޮތައް އޮތީ. އެގޮތައް ކުރިއަށް އެދަނީވެސް. އެހެން އޮތް އިރުވެސް މީގެ ޔުނިޓެއްގެ އަގު އެބަޖެހޭ 1.16 މިލިއަން ރުފިޔާއަށް. ސަރުކާރުން މިއަށް ދައްކަން ޖެހޭ އާޙިރު މީގެ އަގަކީ 1.16 މިލިއަން ރުފިޔާ. އެ 1.16 މިލިއަން ރުފިޔާ އަކީ 530 އަކަފޫޓް ލިބޭ އެތަނަށް ވަންނަ ފަރާތަކުން ދައްކަން ޖެހޭ އެއްޗެއް." ކަމަށެވެ.

ފްލެޓެއްގެ އަގަކީ 1.16 މިލިއަން ރުފިޔާ ކަމަށް ވާނަމަ މަހަކު -/3800 ރުފިޔާ ދައްކައިގެން 25 އަހަރުން އަގު ހަމަކުރެވޭނެއެވެ. -/4800 ރުފިޔާ މަހަކު ދައްކާނަމަ 20 އަހަރުން އަދި -/6400 ރުފިޔާ މަހަކު ދައްކާނަމަ 15 އަހަރުން ފްލެޓްގެ އަގު ހަމަކުރެވޭނެއެވެ.

ރައީސްގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ޣައްސާން މައުމޫން ސޮއިކުރައްވައި އޮކްޓޯބަރު، 17، 2018 ގައި ހައުސިން މިނިސްޓްރީ އަށް ފޮނުއްވި ކަމަށް އާއްމުކޮށްފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ފްލެޓްތަކުގެ އަގު 20 އަހަރަށް ބަހާލައި ޑައުންޕޭމަންޓަކީ 25،000ރ. ކަމަށް ކަނޑައެޅުމަށެވެ. އަދި ކުލީގެ ގޮތުގައި 5،600ރ. ހަމަޖައްސައި މެއިޓެނެންސް ފީގެ ގޮތުގައި 1،000ރ. ކަނޑައެޅުން ރަނގަޅު ކަމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

ނަމަވެސް ރައީސް ޞާލިހް މިދިޔަ އަހަރު ވިދާޅުވެފައި ވަނީ ފިނިޝިން މަސައްކަތް ނުނިންމައި ހިޔާ ފްލެޓްތައް އެންމެ އަގުހެޔޮކޮށް ކުއްޔަށް ދެވޭނީ މަހަކު -/11000 ރުފިޔާ އަށް ކަމަށެވެ.

ރައީސް ޞާލިހްގެ ސަރުކާރަށް ދެއަހަރާއި ތިން މަސް ވެގެން ދިޔައިރު އަދިވެސް ހިޔާ ފްލެޓްތައް މީހުންނާއި ހަވާލެއް ނުކުރެވެއެވެ. ރައީސް ޞާލިހްގެ ސަރުކާރުން ފްލެޓްތަކުގެ ހައްޤުވެރިން އަލުން ހޮވާފައި ވާއިރު މިހާރު ގިނަ ބަޔަކު އަންނަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓާއި ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ކުރަމުންނެވެ.