ހޯމް މިނިސްޓްރީ މުވައްޒަފުން އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް ޕާޓީއެއް ބާއްވައިފި

Thu, 25 Feb 2021 12:03 AM

View on this article on Vaguthu

ހޯމް މިނިސްޓްރީ މުވައްޒަފުން އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް ޕާޓީއެއް ބާއްވައިފި

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާއި ހިލާފަށް ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ޕާޓީއެއް ބާއްވައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެ ޕާޓީ އަކީ އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނިޝާނާ ހަސަންގެ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ސަޕްރައިޒް ޕާޓީއެކެވެ. މި ޕާޓީ ބާއްވާފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފެއްގެ ގޭގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ނިޝާނާއަކީ އެމްއާރުއެމް ސްލޮޓެއްގައި އެ މަގާމަށް ގެނެސްފައިވާ ސިޔާސީ މުވައްޒަފެކެވެ.

މި ޕާޓީ ކުރިއަށް ދިޔައިރުގެ ވީޑިއޯއެއް "ވަގުތު" އަށް ލިބިފައިވާއިރު، ވީޑިއޯއިން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޒީރު އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ހަސަން ޝުޖާއު ފެނިގެންދެއެވެ. މީގެ އިތުރުން މި ޕާޓީއަށް ހޯމް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ އައިޝަތު އަލައިކާ އަދުނާން، ކޮމިއުނިކޭޝަން ޑިރެކްޓަރ ހަފުސީ، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަރުޝަދު، ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހިމް ރަޝީދުގެ އިތުރަށް އެހެން މުވައްޒަފުން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ތެރެއިން ގިނަ ބޭފުޅުންނަކީ ކޮވިޑް-19އަށް ރައްޔިތުން ހޭލުންތެރި ކުރުވަން މީސްމީޑީއާގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނެވެ.

ހޯމް މިނިސްޓްރީގެ މުވައްޒަފުން ޕާޓީއެއް ބާއްވާފައިވާ މައްސަލަ ފެންމަތިވެފައިވާއިރު، ދާދި ފަހުން އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކުވެސް އުސޫލުތަކާއި ހިލާފަށް ޕާޓިއެއް ބޭއްވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ކޮވިޑް-19 ވޭދަނަތައް ހަލުވި ކަމާއި އެކީ މާލެ ސަރަހައްދުގައި ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެޗްޕީއޭއިން ވަނީ ޕާޓީތައް ނުބޭއްވުމަށް އިލްތިމާސް ކޮށްފައެވެ. އެހެން ނަމަވެސް އުސޫލުތަކާއި ހިލާފަށް ބައެއް ފަރާތްތަކުން ޕާޓީތައް ބާއްވަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން ބަލާއިރު، ދާދި ފަހުން ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ބޭއްވި ޕާޓީއެއްވެސް ފުލުހުން ވަނީ ހުއްޓުވާފައެވެ. އެ ޕާޓީ ފުލުހުން ހުއްޓުވާފައިވީ ނަމަވެސް، އެންމެ ފުރަތަމަ ފުލުހުން ދީފައިވަނީ ނަސޭހަތެެވެ. އޭގެ ފަހުން ޕްރެޝަރު ބޮޑުވުމުން ފުލުހުން ވަނީ ޕާޓީ ހުއްޓުވައި ކެފޭ ޖޫރިމަނާ ކޮށްފައެވެ.