ބޯހިޔާވަހިކަމުގެ މައްސަލައިގެ ޒިންމާ ނަގަންވީ ނަޝީދުގެ ވެރިކަން ބަދަލުކޮށްލި ބަޔަކު: އިންތި

Tue, 23 Feb 2021 01:35 PM

View on this article on Vaguthu

ބޯހިޔާވަހިކަމުގެ މައްސަލައިގެ ޒިންމާ ނަގަންވީ ނަޝީދުގެ ވެރިކަން ބަދަލުކޮށްލި ބަޔަކު: އިންތި

ބޯހިޔާވަހިކަމުގެ މައްސަލައިގެ ޒިންމާ ނަގަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްލި ބަޔަކު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދިނުމަށް ހާއްސަކުރި އެއް ކޮޓަރީގެ ފުލެޓުތަކާ މެދު މި ސަރުކާރުން އަމަލު ކުރި ގޮތް ސާފު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

އެ މައްސަލަ ހައްލުުކުރުމަށް ރައީސް ނަޝީދުގެ ސަރުކާރުން ގެންގުޅުނު ތަސައްވުރު ފުރިހަމަ ނުވީ ވެރިކަން ބަދަލުކޮށްލުމުން ކަމަށާއި އޭގެ ފަހުން އައި ހަތް އަހަރު ވެސް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ސަރުކާރަކަށް ފަހުގައި ދިޔަ ހަތް އަހަރަކީ ބޯހިޔާވަހިކަމުގައި ބޭކާރު ހަތް އަހަރު ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ. އޭރުގައި އެމްޑީޕީގައި ރައީސް ސަރުކާރުގައި ހުންނެވި އިރުގައި މާލެގައި ވެސް އެޅި ބޮޑެތި ފްލެޓްތައް އެހެރީ ފެންނަން. ހުޅުމާލޭގައި ވެސް. އަދި ހަމައެއާއެކު ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ވެސް އަޅާފައި ހުރި ފިޔަވަޅުތައް އެހެރީ ފެންނަން ކުރު މުއްދަތެއްގެ ތެރޭގައި. އެ ހަތް އަހަރު ދުވަހުގެ ތެރޭގައި ވެރިކަން ނިމިނިމި އޮއްވާ ވަންނަންވެސް ހެޔޮ ނުވާ ޒާތުގެ ފްލެޓްތަކެއް އެޅީ،" އިމްތިޔާޒް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގި ގޮތަށް ވެސް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. ޔުނިވަސިޓީ އާއި އިމިގްރޭޝަން ފަދަ ތަންތަނަށް ފްލެޓް އަޅަން ދިނުމަކީ ހަމަޖެހޭ ސަރުކާރަކުން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

" ވުޖޫދުގައި ނުވެސް ނެތް އެއްޗެއް އަޅަން ނިންމި އަދަދަށް ވެސް ނޫން. އެއަށް ވުރެ މާ މަތިން އަދަދަކަށް މީހުންނަށް އެ ލިބޭނެ ކަމަށް ބުނެ ލިޔުންދީފައި ވަނީ. ވަރަށް ބޮޑު އޮޅުވާލުމެއް. އަދި މި ފްލެޓްތައް އަޅަން ހަވާލު ކުރި ތަންތަނުގެ ލިސްޓަށް މި ހުންނަނީ އިމިގްރޭޝަން ފަދަ ތަންތަން އައިސްފައި. ޔުނިވަސިޓީ ފަދަ ތަންތަން އައިސްފައި." އޭނާ ވިދާޅުވިއވެެ.

ހިޔާފްލެޓްގެ ތެރެއިން އަލަތު ކައިވެންޏަށް ޚާއްސަކުރި އެއް ކޮޓަރީގެ އެޕާޓްމެންޓްތައް ވުޖޫދުގައި ވެސް ނެތް ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އެ ފްލެޓްތަކާއި މެދު އެކި ފަހަރު އެކިގޮތަށް ސަރުކާރުން ވަނީ ވާހަކަ ދައްކަވައިފައެވެ.