ގެއްލޭ ނުވަތަ ވަގަށް ނަގާ ޕާސްޕޯޓުތަކުގެ މައުލޫމާތު އިންޓަޕޯލްއާ ހިއްސާކުރަނީ

Tue, 23 Feb 2021 02:03 PM

View on this article on Voice.mv

ގެއްލޭ ނުވަތަ ވަގަށް ނަގާ ޕާސްޕޯޓުތަކުގެ މައުލޫމާތު އިންޓަޕޯލްއާ ހިއްސާކުރަނީ

ގެއްލިގެން، ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބުތަކާއި ގުޅިގެން ކެންސަލް ކުރާ ޕާސްޕޯޓުގެ މަޢުލޫމާތު އިންޓަޕޯލްއާ ހިއްސާކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ADS BY PRESS HOUSE

އިމިގްރޭޝަނުން ވިދާޅުވީ، ގެއްލިގެން ނުވަތަ ވަގަށް ނަގައިގެން ނުވަތަ އެނޫން ވެސް ސަބަބަކާ ހުރެ ކެންސަލް ކުރެވޭ ޕާސްޕޯޓުގެ މަޢުލޫމާތު އިންޓަޕޯލްގައި ހިމެނުމަށް ނިންމާފައިވަނީ އެފަދަ ޕާސްޕޯޓު ބޭނުން ކޮށްގެން ކުރާ ކުށްތައް ހުއްޓުވުމަށްޓަކައި ކަމަށެވެ. އަދި އިންޓަޕޯލްގައި ހިމެނުމުން މި މަޢުލޫމާތު އެހެން ޤއުމުތަކުގެ އިމިގްރޭޝަންގެ ސަމާލުކަމަށް ގެނެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިންޓަރޕޯލާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ގެއްލުމުން ނުވަތަ ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބަކާ ގުޅިގެން ކެންސަލު ކުރާ ޕާސްޕޯޓާއި ދަތުރުކުރުމުގެ އެހެނިހެން ލިޔުންތައް އިންޓަރޕޯލާ ހިއްސާކުރަން ޖެހެއެވެ.

އެގޮތުން އެމަޢުލޫމާތު އިންޓަޕޯލްގެ "ސްޓޯލަން އެންޑް ލޮސްޓް ޓްރެވަލް ޑޮކިއުމެންޓް" (އެސްއެލްޓީޑީ) ޑާޓާބޭސްގައި މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ހިމަނަމުން ގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ޕާސްޕޯޓު ގެއްލިގެން ނުވަތަ ވަގަށް ނަގައިގެން ނުވަތަ އެނޫން ވެސް މައްސަލައެއްގައި ކެންސަލް ކުރުމާ ގުޅިގެން ރިޕޯޓުކުރާ ވަގުތުން ފެށިގެން ޕާސްޕޯޓަކީ ދަތުރު ކުރުމަށް ބޭނުން ކުރެވޭ ސައްޙަ ލިޔެކިއުމަކަށް ނުވާތީވެ، ރިޕޯޓު ކުރާ ފަހުން ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި ވެސް ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގެ ޤައުމުތަކުން އެތެރެވެ ބޭރުވުމަށް ސައްޙަ ލިޔެކިޔުމެއްގެ ގޮތުގައި އެފަދަ ޕާސްޕޯޓެއް ބޭނުން ނުކުރެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ.

އިމިގްރޭޝަނުން ވަނީ، ގެއްލިގެން ނުވަތަ ވަގަށް ނެގުމާއި ގުޅިގެން ރިޕޯޓު ކުރުމަށްފަހު ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި ކުރިމަތިވެދާނެ އުނދަގޫ ހާލަތަކުން ރައްކާތެރިވުމަށްޓަކައި އެފަދަ ޕާސްޕޯޓު ދަތުރުފަތުރު ކުރުމަށް ބޭނުން ކުރުމުގެ ބަަދަލުގައި އިމިގްރޭޝަނަށް ރައްދު ކޮށްދިނުމަށް އެދިފައެވެ.