ވައިކަރަދޫ "ވައިރޮދިން" ގެ މޫދު ކުޅިވަރު ހަރަކާތައް ބޮޑު ތަރުޙީބެއް

Wed, 21 Jul 2021 11:57 PM

View on this article on Thiladhun

ވައިކަރަދޫ "ވައިރޮދިން" ގެ މޫދު ކުޅިވަރު ހަރަކާތައް ބޮޑު ތަރުޙީބެއް

ހދ. ވައިކަރަދޫ "ވައިރޮދިން" ގެ ފަރާތުން ކުރިއަށް ގެންދެވުނު "ސަކަ މަޖާ" މޫދު ކުޅިވަރު ހަރަކާތައް ބޮޑު ތަރުހީބެއްލިބިއްޖެ އެވެ.

ވައިކަރަދޫގައި އޮންނަ މޫދު ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ ގުރޫޕެއްކަމަށްވާ "ވައިރޮދިން"، މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެ ގުރޫޕުގެ ކުރިއަށް ހިންގަން ހުރި ބޮޑެތި ހަރަކާތްތަކަށް ފަންޑުރައިޒް ކުރުމަށާއި މޫދު ކުޅިވަރުތައް ކުރިއެރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

މި ހަރަކާތުގައި ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެ މޫދު ކުޅިވަރުގެ ހިތްގައިމުކަމާއި މަޖާކަން ތަޖުރިބާކޮށްފައެވެ. އަދި ބައިވެރިވި މީހުންނާއި ކުދިންގެ ފަރާތުން މި ހަރަކާތް އިންތިޒާމް ކުރި "ވައިރޮދިން" އަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވެއެވެ.

ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުނު "ވައިރޮދިން"ގެ މެންބަރަކު "ތިލަދުން" އަށް މައުލޫމާތުދެއްވަމުން ބުނީ މި ހަރަކާތަކީ ވަކި އުމުރަކަށް ޚާއްސަ ނުކޮށް ރަށު ރައްޔިތުންނަށް ހުޅުވާލެވިގެން ކުރިއަށްގެންދެވުނު ހަރަކާތެއްކަމަށެވެ. އަދި މިހަރަކާތުގައި ކުރިއަށްގެންދިޔަ ކުޅިވަރުތަކުގެ އެހީތެރިންގެ ގޮތުގައި ހަރަކާތްތެރިވީ "ވައިރޮދިން"ގެ ޓީމުގައި މިފަދަ ކުޅިވަރުތަކުގައި ކުރިއަރަމުން އަންނަ ޒުވާން ކުދިންތަކެއް ކަމަށްވެސް އޭނާ ކިޔައިދިނެވެ.

މިއަދު 9:00 އިން 14:00 އާ ހަމައަށް ކުރިއަށް ގެންދެވުނު ފަންޑް ރައެޒިންގެ މި ހަރަކާތުގައި ޖުމްލަ 3 މޫދު ކުޅިވަރު ހިމެނޭ ކަމަށް ވާހަކަދެއްކި މެންބަރު ކިޔައިދިނެވެ. އެއީ ފަން ޓިއުބް، ވޭކް ބޯޑް އަދި ސްނޯކްލިންއެވެ. މި ކުޅިވަރުތަކުގެ އިތުރުން ހަރަކާތް ހިންގުނު ސަރަހައްދުގައި ބައިވެރިންނަށާއި ހަރަކާތްތައް ބަލަން ގޮސް ތިބޭ ފަރާތްތަކަށް ޚާއްސަކޮށް ކެންޓީނެއެވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފަން ޓިއުބު ދުއްވާލަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް -/50 ރުފިޔާ އާއި -/120 ރުފިޔާ ދެމެދުގެ އަގުތަކަކަށް އެކުލަވާލައިން 4 ޕެކޭޖެއް މި ހަރަކާތުގައި ހިމެނުނުކަމަށް "ވައިރޮދިން" އިން މައުލޫމާތުދިނެވެ. އަދި -/50 ރުފިޔާ އަށް ވޭކް ބޯޑު ދުއްވާލެވުނުއިރު ރަނގަޅު އެހީތެރިކަމާ ސާމާނާއެކު އެންމެ -/10 ރުފިޔާ އަށް ވައިކަރަދޫގެ މޫދު އަޑި ބަލާލުމުގެ ފުރުސަތު އެ ފަރާތްތަކަށް "ވައިރޮދުން" ވަނީ މިއަދުގެ ހަރަކާތުގައި ހޯދަދީފައެވެ.

"ވައިރޮދިން" ގެ ފަރާތުން ވާހަކަ ދެއްކި މެންބަރު އިތުރަށް ކިޔައިދިން ގޮތުގައި، މިހަރާކާތުން -/4700 ރުފިޔާ ލިބިފާވަކަމަށެވެ. އަދި މި ފަންޑު އެ ޓީމުން ބޭނުން ކުރާނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވޭ މޫދު ކުޅިވަރުގެ ކޭމްޕުތަކަށް ބޭނުންވާނޭ ސާމާނުތައް ގަތުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

މީގެކުރިންވެސް "ވައިރޮދިން" ގެ ގުރޫޕުންވަނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ވައިކަރަދޫގައި މޫދު ކުޅިވަރުގެ ކޭންޕުތަކެއް މުޅިން ހިލޭ ކުރިއަށް ގެންގޮސްފައެވެ. ވައިކަރަދޫއަށް ނިސްބަތްވާ މޫދުކުޅިވަރުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ސަޓިފައިޑް ޓްރެއިންނަރުންނާއި އެކު ކައިޓް ބޯޑު ދުއްވަން ދަސްކޮށްދޭ ކޭންޕަކާއި ވޭކް ބޯޑު ދުއްވަން ދަސްކޮށްދޭ ކޭންޕެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަކޮށްގެން މުޅިން ހިލޭ ފަން ޓިއުބް ދުއްވުމުގެ ހަރަކާތެއްވެސް "ވައިރޮދިން"ގެ ކުޅަދާނަ ޒުވާން މިޓީމުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރަށުގެ މަލަމަތި ރީތިކުރުމުގެ އަޒުމުގައި މި ގުރޫޕުން އިސްވެ ވައިކަރަދޫގެ ގިނަ ރައްޔިތުންތަކަކާއި އެކު "ބީޗް ކްލީން އަޕް" އެއްވެސް މީގެ ކުރިން ވަނީ ބާއްވާފައެވެ.

އުފަން ރަށްދެކެ ލޯބިވާ ހުނަރުވެރި ޒުވާން މި ގުރޫޕުގެ ފަރާތުން ކުރިއަށް އޮތްތާވެސް މޫދު ކުޅިވަރުގެ މިފަދަ ހަރަކާތްތައް ބޭއްވިގެން ދާނެކަމަށް "ވައިރޮދިން" އިން ބުނެފައިވެ އެވެ.

The post ވައިކަރަދޫ "ވައިރޮދިން" ގެ މޫދު ކުޅިވަރު ހަރަކާތައް ބޮޑު ތަރުޙީބެއް first appeared on Thiladhun.