އަމާން ވެށިތަކުގައި ތިބޭ ކުދިންނާ ބެހޭ ދޮގު ވާހަކަ ނުފެތުރުމަށް އެދިއްޖެ

Tue, 23 Feb 2021 01:32 PM

View on this article on ThePress.mv

އަމާން ވެށިތަކުގައި ތިބޭ ކުދިންނާ ބެހޭ ދޮގު ވާހަކަ ނުފެތުރުމަށް އެދިއްޖެ

އެކި ސަބަބުތަކާ ހެދި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިންނާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ޖެންޑާ މިނިސްޓްރީން އެދިއްޖެއެވެ.

ޖެންޑާ މިނިސްޓްރީން މިހެން ބުނެފައި ވަނީ އަމާންވެށިތައް ގާއިމް ކޮށްފައި ވާ ބައެއް ރަށްތަކުގައި، އެ އަމާން ވެށިތަކަށް ގެންދާ ކުދިންނާ ބެހޭ ގޮތުން ވާހަކަތައް ފަތުރާ، މުޖުތަމައުގައި ލޭބަލް ކުރުން ފަދަ އަމަލުތައް ހިންގަމުން ދާތީއެވެ. އެގޮތުން އެ ކުދިންނާމެދު ހިތްހަމަ ނުޖެހި، ބައެއް ރަށްތަކުގައި ހަމަނުޖެހުންތައް ވެސް ހިންގާފައި ވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންދަނީ އާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައެވެ. ދައުލަތުގެ ބެލުމުގައި ދަށުގައި ތިބި މިފަދަ ކުރިން މާލެ ސަރަހައްދުގެ ދެ މަރުކަޒެއްގައި ދިރިއުޅެމުން ދިޔަ ނަމަވެސް، ބާކީވުމުގެ އިހުސާސް ވިޔަ ނުދޭން އެކުދިން އަތޮޅު ތެރޭގެ އަމާން ވެށިތަކަށް ބަދަލު ކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ވަނީ ފަށާފައެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އަމާން ވެށިތަކަށް ކުދިން ބަދަލު ކުރުމުގެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި، އެފަދަ ކަންކަން ހައްލު ކުރަން މަސައްކަތް ކުރަމުން ދާ ކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކަށް ރިއާޔަތް ނުކޮށް ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަ ދައްކާތީ، އެކަމުގެ ނޭދެވޭ އަސަރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ކުރަމުންދާ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަކީ އެ ކުދިންގެ ހަޔާތުގައި ކުރިމަތިވެފައި ވާ ބައެއް ހާދިސާތަކާއި ހާލަތްތަކާ ހެދި އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކުދިންނެވެ. އެހެން ކަމުން އެ ކުދިން މުޖުތަމައަށް ރުޖޫއަ ކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށް ޖެންޑައިން ބުނެއެވެ. ޖެންޑާއިން އިތުރަށް ބުނީ، މިފަދަ ގޮންޖެހުންތައް ހައްލު ކުރުމުގައި ދައުލަތުގެ އިދާރާތަކައި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމައުގެ ޒިންމާތަކެއް ވާކަމަށެވެ.