ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތައް މުރާޖައާކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ދެނެގަނެވޭނެގޮތަށް ބަދަލުގެނެސްފިއެވެ.
މިކަމާއި ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ވިދާޅުވީ، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމާ ގުޅިގެން އެ ވުޒާރާއިން ދޭ އެކިއެކި ޚިދުމަތްތަކާ ގުޅިގެން ހުށަހަޅާ ފޯމުތައް، ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ވާނެގޮތަށް ވަކިކޮށްފައިވާ ކަމަށެވެ. މިއީ އެ ފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި އެ ފޯމުތަކުގައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ގެނެވުނު ބަދަލުތަކެއް ކަމަށް އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުން، އެ ފަރާތުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތް ކުރުމަށް "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރުމަށް ނުވަތަ ވަކިކުރުމަށް އެދި ހުށަހަޅާ ފޯމުތަކަށް ބަދަލުގެނެސްފައިވާއިރު، ފޯމުތައް ހުށަހަޅާނީ: (1) ގަވާއިދު ނަންބަރު 2019/R-1066 (ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު) ގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް؛ ނުވަތަ (2) ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓަރީކުރުމަށްފަހުގައި ކަމަށް އެ ވުޒާރާއިން ވަނީ ވިދާުވެފައެވެ. އަދި ފޯމުތައް ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފިނަމަ، ނޯޓަރައިޒްކޮށްދިންކަމުގެ ސެޓުފިކެޓު ހުށަހަޅަންވާނެކަމަށްވެސް އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ވުޒާރާއިން ވިދާޅުވީ، ސެޕްޓެމްބަރު 16 އިން ފެށިގެން އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުން، އެ ފަރާތުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުޢާމަލާތްކުރުމަށް "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރުމަށް ނުވަތަ ވަކިކުރުމަށް އެދި ހުށަހަޅަންވާނީ ބަދަލުގެނެވިފައިވާ ފޯމު ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. އަދި މި ފޯމު ފުރިހަމަކޮށް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން ބަލައިނުގަންނާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ބަދަލު ގެނެވިފައިވާ ފޯމުތައް އެކްސްޕެޓް ސިސްޓަމްގެ ހޯމް ޕޭޖް އިން ލިބޭނެއެވެ.