މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައިވީ ނަމަވެސް މުދާ ދޫކުރުމާއި އުޅަނދު ފަހަރަށް ކްލިއަރެންސް ދިނުން ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ސަރުކަރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސާފައިވީ ނަމަވެސް ގްރޭޓާ މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުން މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ދޫކުރުން ކުރިއަށް ދާނެ ކަމަށެވެ.
އަދި އުޅަނދު ފަހަރަށް ކްލިއަރެންސް ދިނުމާއި ބޮންޑެޑް ވެއާ ހައުސްތަކާ ގުޅޭ ހިދުމަތްތައް ވެސް ފޯރުކޮށްދެމުން ގެންދާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހުއެވެ. ރާއްޖޭގައ ގައުމީ ދުވަސް ފާހަގަކޮށްފައިވަނީ އިއްޔެއެވެ.