ބިދޭސީން ލައްވާ ހަށިވިއްކާ މައްސަލަތައް ތަހުގީގު ކުރާނީ ހިއުމަން ޓްރެފިކިން ކަމަށް ބަލައިގެން

Fri, 23 Aug 2024 02:02 PM

View on this article on Vaguthu

ބިދޭސީން ލައްވާ ހަށިވިއްކާ މައްސަލަތައް ތަހުގީގު ކުރާނީ ހިއުމަން ޓްރެފިކިން ކަމަށް ބަލައިގެން

ރާއްޖެއަށް ބިދޭސީން ގެނެސް ސެލޫންގެ ނަމުގައި ހަށިވިއްކާ މައްސަލަތައް ހިއުމަން ޓްރެފިކިން އޭންގަލުން ތަހުގީގުކުރަން ފަށާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.



އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ބިދޭސީން ގެނެސްގެން ސެލޫންގެ ނަމުގައި ހަށިވިއްކުންފަދަ ހުއްދަ ނޫން އަމަލުތައް ހިންގާނަމަ މިއަދުން ފެށިގެން އެ ވިޔަފާރި ހިންގަމުންދާ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނީ ދެ އޭންގަލަކުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އެގޮތުން އެފަދަ މައްސަލައެއް ފާހަގަވެއްޖިއްޔާ ހިއުމަން ޓްރެފިކުން އޭންގަލުން ތަހުގީގު ފަށާނެ ކަމަށް ވިދާޅުވިއެވެ.

"ދެ އޭންގަލަކުން އަޅުގަނޑުމެން އެކަން ކުރާނަން. އެއްކަމަކީ ހިއުމަން ޓްރެފިކިން އޭންގަލުން އަޅުގަނޑުމެން ތަހުގީގު ފަށާނަން މިފަދަ މައްސަލައެއް ފާހަގަކުރެވިއްޖިއްޔާ. ހަށިވިއްކުން ކަހަލަ ކަމެއް ކުރާ ކަމަށްވެއްޖިއްޔާމުން. ދެވަނަ ކަމަކީ ގަވައިދާ ހިލާފަށް ހުއްދަނެތް ވިޔަފާރިއެއް ކުރުން ނުވަތަ ގަވައިދާ ހިލާފަށް ވިޔަފާރިއެއް ކުރުން. ތިންވަނަ ކަމަކީ ބިދޭސީން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތްކުރުވުން، ބިދޭސީން އެކްސްޕްލޮއިޓް ކުރުން. އޭގެ ފިޔަވަޅުތައް މިއަދުން ފެށިގެން އަޅާނަން." ވަޒީރު އިހްސާން ވިދާޅުވިއެވެ.

އޭގެ އިތުރުން ވަޒީރު ވިދާޅުވީ، މިހާތަނަށް އައިއިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި މިންގަނޑުތަކާއި ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް ބަންދު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާރު އެ ހިސާބުން ފެށިގެން އެ ބިދޭސީން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާ ދިވެހިންނަށްވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.



More from Vaguthu