ޖަލަށް ޑްރަގާއި ފޯނު ވެއްދި ކަރެކްޝަންސްގެ ފަސް އޮފިސަރަކަށް ދައުވާ ކޮށްފި

Fri, 23 Aug 2024 01:55 PM

View on this article on Vaguthu

ޖަލަށް ޑްރަގާއި ފޯނު ވެއްދި ކަރެކްޝަންސްގެ ފަސް އޮފިސަރަކަށް ދައުވާ ކޮށްފި

ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދައިދޭ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ތިބި އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރަކަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.



ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އެ ސަރވިސްގެ ވަޒީފާގައި ތިބެ، ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ޚިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤެއް ހިންގަވައި ހުށަހެޅި މައްސަލައިގައި ފަސް އޮފިސަރުންނަށް ދައުވާ ކުރަން ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ދައުވާ ކުރަން ހުށަހަޅާފައިވަނީ ރ. އިނގުރައިދޫ، އައިވަރީހައުސް، ޖިނާހް އަބްރުއްރަހީމް، ކ. މާފުށި، ބީޗްހައުސް، އަލީ ހިޝާމް، ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް، ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، އަލި އަސްފާޤްގެ މައްޗަށެވެ.

މީގެ ތެރެއިން ޖިނާހު އާއި ހިޝާމްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ އިތުރުން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.

ނާޒިމް އާއި ފަތޫހުގެ އިތުރުން އަސްފާޤުގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީން ވިދާޅުވީ، މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމާފައިވާނެ ކަމަށެވެ. މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ޕީޖީން ބުނެއެވެ.



More from Vaguthu