ދައުލަތަށް ލިބެން ޖެހޭ 15 ބިލިއަން ރުފިޔާ ހޯދުން ނޫން އިތުރު ގޮތެއް ނެތް: ނާޒިމް

Sat, 27 Jul 2024 01:08 PM

View on this article on Vaguthu

ދައުލަތަށް ލިބެން ޖެހޭ 15 ބިލިއަން ރުފިޔާ ހޯދުން ނޫން އިތުރު ގޮތެއް ނެތް: ނާޒިމް

ދައުލަތަށް ލިބެން ޖެހޭ 15 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި އެ ފައިސާ ހޯދުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.



ނާޒިމް އެކެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަންގާރަ ދުވަހު ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް މީރާގެ ކޮމިޝަނާ ޖެނަރަލް ހާޒިރު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މެއި މަހުގެ ނިޔަަލަށް ދައުލަތަށް ލިބެން ޖެހި ނުލިބިވާ ފައިސާގެ އަދަދަކީ 15,445,526,584.29 ރުފިޔާއެވެ.

"މިކަމުގައި އަމަލު ކުރެވޭނެ އެހެން ދެ ގޮތެއް ނެތް، ލިބެން ޖެހޭ ފައިސާ ހޯދަން ޖެހޭ. މިކަމުގެ އެންމެ ފުނަށް ދާން ޖެހޭ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ ދައުލަތަށް ނުލިބިވާ ފައިސާގެ ހިސާބުތައް ވެސް ހިއްސާ ކުރައްވައިފައެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި އެކި ބާވަތްތަކުގެ ޓެކްސްގެ ގޮތުގައި ދައުލަތަށް 7.7 ބިލިއަން ރުފިޔާ ނުލިބިވެއެވެ. އަދި ބިމު ކުލި ފަދަ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ލިބިނެ ޖެހެއެވެ.

މި ފަހުން ސަރުކާރުން ވަނީ ބޮޑެތި ވިޔަފާރިތަކުން ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ފައިސާ ދައްކަން ޖެހޭ ކުންފުނިތަކުގެ ލިސްޓެއް ވެސް އާންމުކޮށްފައެވެ. އެކަމާއި ގުޅިގެން ކުންފުނިތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، 636 މިލިއަން ރުފިޔާ އެ ކުންފުނިތަކުން ނުދައްކައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ ލިބުމުން ޤައުމު ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވި ދަރަނީގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ފައިސާ ހޯދުމަށް ޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތައް ކުރައްވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކަށް ސިޓީ ފޮނުވުމުން މިހާރު ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ. އެ ހުރިހާ ފައިސާއެއް ދައުލަތަށް ލިބިއްޖެނަމަ ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތައް ދައްކައި ދަރަނީގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އެހެނިހެން ވައްކަންތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން މި ސަރުކާރުން ފާއިތުވީ 8 މަސް ދުވަހު ކުރި މަސައްކަތުން މިދިޔަ ހަފުތާ ތެރޭގައި ވެސް އެ ފައިސާގެ ތެރެއިން ބައެއް ދައުލަތަށް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޯޓަށް ދާން ޖެހުނަސް އެކަން ފަސްނުޖެހި ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.



More from Vaguthu