އިންޑިއާ ސިފައިން ބޭލުމުން ޝެއިޙް ސަމީރުގެ ތައުރީފް ރައީސް މުއިއްޒަށް

Fri, 10 May 2024 09:28 AM

View on this article on Vaguthu

އިންޑިއާ ސިފައިން ބޭލުމުން ޝެއިޙް ސަމީރުގެ ތައުރީފް ރައީސް މުއިއްޒަށް

ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ބޭލުމުން ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތައުރީފް ކުރައްވައިފިއެވެ.



އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. އެމަނިކުފާނު މިވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުފުޅު ރަނުން ރަނަށް ފުއްދައިދީފައެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗް އިއްޔެ މިވަނީ ފުރުވާލާފައެވެ.

މިކަމާއި ގުޅިގެން ޝެއިޙް ސަމީރު ކުރެއްވި ޓްވީޓެއްގައި ރައީސް މުއިއްޒުއަށް ތައުރީފްކޮށް ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބި އުތުރުކަރައިގެ ޢަސްކަރީ ސިފައިން ރާއްޖޭން ބޭލުމަކީ ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މުވާޠިނަކު ޝުކުރުވެރިވުން ޙައްޤު ކަމެއް ކަމަށެވެ.

ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ މަޝްވަރާގެ ރީތި ޑިޕްލޮމެސީގެ އުސޫލުން ވާހަކަ ދައްކައިގެން އިންޑިއާ ސިފައިންގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލިފައިވަނީ އެކަމާއި ގުޅޭގޮތުން ދެ ގައުމުގެ އިސް އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުންތަކަށް ފަހުއެވެ.

ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނޭއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ރާއްޖޭގައި 88 އިންޑިއާ ސިފައިން ތިއްބެވެ.

އިންޑިއާގެ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖޭން ފޭބީ މާޗް މަހުގެ ކުރީކޮޅުއެވެ. އަދި ދެވަނަ ބެޗް ފޭބީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ބާއްވާ ހައިލެވެލް ކޯރ ގްރޫޕްގެ ބައްދަލުވުންތަކެއް ވެސް މިކަމާއި ގުޅޭގޮތުން މީގެކުރިން ބޭއްވިއެވެ. ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ ރާއްޖޭގައި އޮޕަރޭޓު ކުރާ އިންޑިއާ އުޅަނދުތަކަށް ސިފައިންގެ ބަދަލުގައި މަދަނީ މީހުން ލުމަށެވެ.



More from Vaguthu