ޑިމެންޝިއާ އާ ގުޅޭ މައުލޫމާތު ސެޝަންތަކެއް ކުޅުދުއްފުށީގައި ބާއްވަނީ

Thu, 09 May 2024 10:32 PM

View on this article on Vaguthu

ޑިމެންޝިއާ އާ ގުޅޭ މައުލޫމާތު ސެޝަންތަކެއް ކުޅުދުއްފުށީގައި ބާއްވަނީ

ޑިމެންޝިއާ އާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުޅުދުއްފުށި ސިޓީގައި ބާއްވަން ތައްޔާރުވެއްޖެއެވެ.



ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ގްރާންޓެއްގެ ދަށުން އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް އިން އިންތިޒާމުކުރާ މި ހަރަކާތް ކުޅުދުއްފުށީގެ އިތުރުން މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައިވެސް މައުލޫމާތު ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާއިން ބުނީ މި ސެޝަން ކުޅުދުއްފުށި ސިޓީގައި އޮންނާނީ މި ހިނގާ މެއި މަހުގެ 11 ވަނަ ދުވަހު ކަމަށާއި ޑިމެންޝިއާ ނުވަތަ އަކުސަ އަކީ ކޮބައިތޯ، އަލްޒައިމަރސް އަކީ ކޮބައިތޯ، އަދި ޑިމެންޝިއާ އަށް ދުރާލާ ތައްޔާރުވުމާ ކުރިއާލާ ދެނެގަތުގެ މުހިންމުކަމަަށް އަލިއަޅުވާލާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ހަރަކާތް ބާއްވަން ފުވައްމުލަކު އަދި އައްޑޫ ސިޓީގައިވެސް މިމަހު. ޑޭޓްސްތައްވެސް ކޮންފާމްވެފަ ހުރީ ދެން އެކަމަކު މާލެ ސިޓީ އިވެންޓް އަދި ކޮންފާމެއް ނުވޭ." ޖަމިއްޔާއިން މައުލޫމާތުދިނެވެ.

ކުޅުދުއްފުށީގައި މި އިވެންޓު އޮންނާނީ މިމަހު 11 ވަނަ ދުވަހުގެ ހެނދުނު 8:50 ގައި ޢަފީފުއްދީން ސްކޫލުގައި ކަަމަށެވެ.

މި މައުލޫމާތު ސެޝަންތަކުގައި ޑިމެންޝިއާ އަށް ސަމާލުވާން ޖެހޭ ދިހަ އަލާމާތާއި ޑައިގްނޯސް ނުވަތަ ލިބެންހުރި ފަރުވާއާ ގުޅޭގޮތުން ވެސް މައުލޫމާތު ދޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެހީދާރެއްގެ ވާހަކަ އާއި ނަފްސާނީ ދުޅަހެޔޮކަމާއި ޑިމެންޝިއާގެ މައްޗަށް ވެސް އަލިއަޅުވައިލާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި މޮޑިފަޔަބްލް ރިސްކު ފެކްޓަރސް އަދި ނުރައްކާ ކުޑަކުރެވޭނެ ގޮތްތަކުގެ މައުލޫމާތު ވެސް ދެވޭނެއެވެ.

ހަމަމިއާއެކު ޕެނަލް ޑިސްކަޝަނެއް ވެސް އޮންނާނެ ކަަމަށާއި މި ސެޝަންގައި ޑރ. މުހައްމަދު ޢަލީ، ޑރ. އަޙްމަދު ރަޝީދު އަދި ކުޅުދުއްފުށިި ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން މައުލޫމާތު ދެއްވާއިރު، މިކަމުގެ ތަޖުރިބާކާރު ރާއްޖޭން ބޭރުގެ ތިން ޑޮކްޓަރުން ވެސް އޮންލައިންކޮށް ބައިވެރިވާނެކަމަށް އެ ޖަމިއްޔާއިން ވަނީ މައުލޫމާތު ދީފައެވެ. އެއީ ބުރޫނާއީ، ޕިލިޕިންސް އަދި ކެނެޑާގެ ޑޮކްޓަރުން ކަމަށާއި އެބޭފުޅުން ބައިވެރިވާނެއެވެ.

މި މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އެހީތެރިކަމާއެކުގައެވެ. އިވެންޓު ޕާޓްނަރގެ ގޮތުގައި މޯލްޑިވްސް އެސޯސިއޭޝަން ފޮރ ހެްތު އެންޑް އެވެއަރނަސް (މާހާ) ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގެވެ. އަދި އިވެންޓް ޕްރޯ ގެ އެހީތެރިކަން ވެސް މި ހަރަކާތަށް ލިބެއެވެ.

އަލްޒައިމަރސް އިން މީގެ އިތުރު ދެ ޕްރޮގްރާމް މި މަހުގެ 18 ގައި ފުވައްމުލައް ސިޓީގައި އަދި 25 ގައި އައްޑޫ ސިޓީގައިި ބޭއްވުމަށް ވަނީ ނިންމާފައެވެ.



More from Vaguthu