ޑެޕިއުޓީ މިނިސްޓަރުންތައް މޯދީއަށް ފާޑުކިޔުން: އެއީ ސަރުކާރުގެ ވިސްނުން އަދި ސްޓޭންޑެއް ވެސް ނޫން!

Thu, 09 May 2024 10:26 PM

View on this article on Vaguthu

ޑެޕިއުޓީ މިނިސްޓަރުންތައް މޯދީއަށް ފާޑުކިޔުން: އެއީ ސަރުކާރުގެ ވިސްނުން އަދި ސްޓޭންޑެއް ވެސް ނޫން!

އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީއަށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތައް ފާޑުކިޔާފައިވާއިރު އެއީ ސަރުކާރުގެ ވިސްނުން އަދި ސްޓޭންޑް ވެސް ނޫން ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.



މިއަހަރުގެ ޖެނުއަރީ މަހު ޔޫތު މިނިސްޓްރީގެ ތިން ނައިބު ވަޒީރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދު ވަނީ އިންޑިއާ އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ވާހަކަ ދައްކަވާފައެވެ.

މިކަމާއި ގުޅިގެން "އޭއެންއައި" ނޫހަށް ދެއްވި އިންޓަވިއުގައި ވަޒީރު ވިދާޅުވީ، އެއީ ދިވެހި ސަރުކާރުގެ ވިސްނުމެއް ނުވަތަ ސްޓޭންޑެއް ނޫން ކަމަށެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ކަމަށެވެ. މިކަމާއި ގުޅިގެން އެ މައްސަލައިގައި ދެގައުމުގައި ވެސް ބައެއް ކަންތައްތަކާ ގުޅޭ ގޮތުން އޮޅުންއަރާފައި އޮތް ކަމަށާއި މިހާރު އެ މަރުހަލާ ފަހަނައަޅައި ހިނގައްޖެ ކަމަށް ވެސް ވިދާޅުވިއެވެ.

މޯދީއަށް ފާޑުކީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސަސްޕެންޑް ކޮށްފި

އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީއަށް ފާޑުކީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތައް ވަނީ ސަސްޕެންޑް ކޮށްފައެވެ.

މި ބޭފުޅުން ސަސްޕެންޑް ކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމުން އެބޭފުޅުން މޯދީ އަށާއި އިންޑިއާއަށް ކުޑައިމީސްކޮށް މީސް މީޑިއާގައި އިންޑިއާއާ ދެކޮޅު ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވާތީއެވެ.

އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ވެސް ވަނީ ބޭފުޅުންނާ މެދުގައި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ހިޔާލުތަކެއް ނޫން ކަމަށާއި އެއީ، އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވެސް ފޮރިން މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

މި ބޭފުޅުންގެ ފާޑުކިޔުންތަކާއި ގުޅިގެން އިންޑިއާގެ މީޑިއާތަކާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ވަނީ ރައްދުދީ، ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކޮށްފައެވެ. އަދި އިންޑިއާގެ މީޑިއާތަކުން ގޮވާލާފައި ވަނީ އެމައްސަލައިގައި ސަރުކާރުން މާފަށް އެދި، އެބޭފުޅުން ވަކި ކުރަން ޖެހޭ ކަމަށެވެ.



More from Vaguthu