ޖީސީއީ އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް މާދަމާ މެންދުރު އިތުރު ފެރީއެއް ތާވަލުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ޖީސީއީ އޯލެވެލް އިމްތިހާނު ހެދުމަށް ވިލިނގިލިން މާލެއަށް ދަތުރުކުރާ ދަރިވަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މާދަމާ މެންދުރު 13:15 ގައި ވިލިނގިލިން މާލެއަށް އިތުރު ފެރީ ދަތުރެއް ތާވަލް ކޮށްފައިވާ ކަމަށެވެ.
އިތުރު މައުލޫމާތު ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އިން ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/GxwWZr95IE
— MTCC Plc (@MTCCPlc) May 9, 2024
ގިނަ އަދަދެއްގެ ދަރިވަރުންނާއެކު މި އަހަރުގެ އެސްއެސްސީ އާއި އޯލެވެލް އިމްތިހާން ފެށީ އޭޕްރިލް 25 ވަނަ ދުވަހުއެވެ.
މި އަހަރުގެ އޯލެވެލް އިމްތިހާން ކުރިއަށް ގެންދަން ނިންމާފައިވަނީ ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި އިމްތިހާންތަކުގައި 7،501 ދަރިވަރުން ބައިވެރިވާނެ ކަމަށާއި ރާއްޖޭގެ 256 ސެންޓަރެއްގައި އިމްތިހާން ކުރިއަށްދާނެ ކަމަށެވެ.
ދިވެއްސާއި އިސްލާމް ހިމެނޭ އެސްއެސްސީ އިމްތިހާން މި އަހަރު 7،133 ދަރިވަރުން ހަދާނެއެވެ. މި އަހަރުގެ އޯލެވެލް އިމްތިހާންގައި 7،501 ދަރިވަރުން ބައިވެރިވާ އިރު، މިދިޔަ އަހަރު އިމްތިހާން ހެދީ 6،698 ދަރިވަރުންނެވެ. އެހެންވެ މި އަހަރުގެ އަދަދަކީ މިދިޔަ އަހަރަށް ވުރެ 803 ދަރިވަރުންގެ އިތުރުވުމެކެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ މެއި މަހު 26 ވަނަ ދުވަހުގަ އެވެ.
މިހާރު ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އޯލެވެލް އޮންނާނީ 2025 ވަނަ އަހަރު އޮކްޓޯބަރ/ނޮވެމްބަރުގައެވެ. އަދި މިހާރު ގްރޭޑް 9 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އޯލެވެލް އިމްތިހާން އޮންނާނީ އަންނަ އަހަރު މެއި/ޖޫން ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިން ބުނެފައެވެ.