ބިދޭސީން ޓެކްސީ ކުރާނަމަ ފިޔަވަޅު އަޅަނީ

Thu, 09 May 2024 02:28 PM

View on this article on Vaguthu

ބިދޭސީން ޓެކްސީ ކުރާނަމަ ފިޔަވަޅު އަޅަނީ

ބިދޭސީން ޓެކްސީ ކުރާނަމަ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.



ބިދޭސީން ޓެކްސީ ދުއްވުމުގައި ހަރަކާތްތެރިވާ މައްސަލަތައް މީގެ ކުރިންވެސް ފާހަގަވެފައި ވެއެވެ. އެހެން ނަމަވެސް އެކަމަށް އަދި ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.

ޓެކްސީ ގަވާއިދުގައިވާގޮތުން ރާއްޖޭގައި އޫޅޭ ބިދޭސީންނަށް ޓެކްސީ ކުރުމުގެ ހުއްދަ ލިބެނީ ވަކި އުސޫލެއްގެ ތެރެއިންނެވެ. އެގޮތުން ބިދޭސީން ޑްރައިވަރެއްނަމަ، ދިވެހި ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ރެޒިޑެންޓް ވިސާ ލިބިފައިވާ ފަރާތަކަށް ވުން ލާޒިމެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ގަވާއިދާ ހިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ ވުޒާރާއިން އިއްޔެ ވަނީ ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި) ގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން އަންނަ ޓެކްސީތަކާއި މެދު ފިޔަވަޅު އަޅަން ނިންމާފައިވާކަންވެސް ހާމަކޮށްފައެެވެ.

އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމާއި، ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެކަން ހައްލު ކުރުމަށް އެފަދަ މައްސަލަތަކާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ޙައްސާ ކިއުއާރް ކޯޑެއް ތައްޔާރުކޮށް އާންމުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީން ވަނީ ބައެއް ޝަކުވާތަކާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.



More from Vaguthu