ތެލަސީމިއާ މީހުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށްފި

Thu, 09 May 2024 01:51 PM

View on this article on Vaguthu

ތެލަސީމިއާ މީހުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށްފި

ބައިނަލްއަގުވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ތެލަސީމިއާ ހުންނަ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށްފިއެވެ.



ސޯޝަލް ސެންޓަރުގެ ހޯލުގައި ރޭ އޮތް އެ ރަސްމިއްޔާތުގައި، ރާއްޖޭގައި ތެލަސީމިއާ ހިދުމަތްތައް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމިއްޔާ ޖަމާއަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ދެ ފަރާތަށާއި، ތެލަސީމިއާ ހިދުމަތްތައް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ތިން ފަރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު--ފޮޓޯ:ރައީސް އޮފީސް

އަގުވަޒަންކުރި ޖަމިއްޔާތަކަކީ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަނާއި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އަގުވަޒަން ކުރި ބޭފުޅުންނަކީ ޑރ. ނާއިލާ އިބްރާހިމް މުހައްމަދު ދީދީއާއި އަލްމަރްހޫމް ޑރ. ފަރުޒާނާ ހާތޫން ކަމަށް އެ އޮފީހުން ބުނެއެވެ.

އެ ރަސްމިއްޔާތުގައި، މެޑަމް ސާޖިދާ މުހައްމަދު ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް 20 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ހަ ފަރާތަކަށް ހަވާލުކޮށްދެއްވާފައެވެ.

ބްލަޑް ސާވިސްއަށް ހިދުމަށްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަގުވަޒަން ކޮށްފައިވާ ފަރާތްތަކަކީ:

  • ފައުޒިއްޔާ އަލީ
  • ނަސްރިއްޔާ ޔޫސުފް
  • މަރިޔަމް ރަޝީދާ އަލީ
  • ޝިފާ އިބްރާހީމް
  • ފަރީދާ
  • ހައްސާ ނަސީރު

އެ ރަސްމިއްޔާތުގައި، ތެލަސީމިއާ ދުވަހާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ އިތުރުން ތެލަސީމިއާ ހިދުމަތްތައް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމިއްޔާ ޖަމާއަތްތަކާއި ފަރާތްތަކުގެ މަސައްކަތްތަކާ ގުޅޭ ވީޑިއޯ ރިޕޯޓެއް ދައްކާފައިވެއެވެ.

ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު--ފޮޓޯ:ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ ތެލަސީމިއާގެ ފަރުވާއަށް މި ސަރުކާރުން ދޭ އިސްކަމުގެ ތެރެއިން ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތެލަސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް މާލެ ސަރަޙައްދުގައި ގާއިމްކުރައްވާނެކަން މީގެ ކުރިން ވަނީ އިއުލާނުކޮށްފައި ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލް އިމާރާތްކުރުމަށް މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖައްސާފައިވާކަން ރައީސް އޮފީހުން ފާހަގަކުރިއެވެ.

އޭގެ އިތުރުން، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ހިލޭ ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަން މިހާރު ވަނީ ފައްޓަވާފައި ކަމަށާއި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމްތައް މި ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާދެއްވާފައިވާކަން އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ބައިނަލްއަގްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުގައި އަލި އަޅުވާލާފައިވަނީ، ތެލަސީމިއާއާއެކު ދިރިއުޅޭ މީހުން ބާރުވެރިކުރުމަށް، ފަރުވާއަށް ލިބިފައިވާ ކުރިއެރުންތަކުގެ ބޭނުން ހިފައި، ހޭލުންތެރިކަން އިތުރުކޮށް، މާނަހުރި ހެޔޮ ބަދަލަކަށް ކެނޑިނޭޅި ވަކާލާތު ކުރުމުގެ ޒިންމާގެ މައްޗަށެވެ.



More from Vaguthu