އައްޑޫގައި ޑެންގީ ހުން އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

Wed, 08 May 2024 05:06 PM

View on this article on Vaguthu

އައްޑޫގައި ޑެންގީ ހުން އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އައްޑޫސިޓީގައި ވެސް ޑެންގީ ހުން އިތުރުވާތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.



އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އައްޑޫގައި ޑެންގީ ހުން އިތުރުވާތީ މަދިރި ނައްތާލާ މަދިރިން ސަލާމަތް ވުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަން ކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެގޮތުން، ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކައިނުލުމާއި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރަން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ހެނދުނު އިރުއަރާ ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތު މަދިރި ގިނަވާތީ، ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށް ވެސް އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ތިން ދުވަހަށް ވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އޭއީއެޗްއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުމަށާއި އަރާމު ކުރުމަށް ވެސް ވަނީ ލަފާ ދީފައެވެ.

ޑެންގީ ހުމަކީ އީޑީސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ބަލި ޖެހިފައިވާ މީހެއްގެ ގައިން ލޭ ބުއިމަށް ފަހު ބަލި ނުޖެހޭ މީހެއްގެ ގައިގައި މި މަދިރި ހަފައިފިނަމަ ބަލި ނުޖެހި ހުރި މީހާގެ ހަށިގަނޑުގެ ތެރެއަށް ވައިރަސް ވާސިލްވެއެވެ.

މި ބަލި ޖެހުމުގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުން، ގައިގައި ވަރު ދެރަވުން، ހުން އައުން، މޭނުބައިކޮށް ހޮޑުލެވުން އަދި ބޮލުގަ ރިއްސުން ހިމެނެއެވެ. ނަމަވެސް ބައެއް މީހުންނަށް މި ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނި ރަނގަޅުވެއެވެ.

މި ދުވަސްވަރު މަދިރި ގިނަވެފައިވާތީ، މާލެއާއި ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ. އަދި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ދަނީ ސާފު ކުރަމުންނެވެ.



More from Vaguthu