ސަލްމާން މިސްކިތުގެ ފިނިކުރުމުގެ ނިޒާމްގެ މާރާމާތަށް 6 މިލިއަން ރުފިޔާ ބޭނުންވޭ - މިނިސްޓަރު ޝަހީމް

Wed, 08 May 2024 04:56 PM

View on this article on Vaguthu

ސަލްމާން މިސްކިތުގެ ފިނިކުރުމުގެ ނިޒާމްގެ މާރާމާތަށް 6 މިލިއަން ރުފިޔާ ބޭނުންވޭ - މިނިސްޓަރު ޝަހީމް

ކިންގް ސަލްމާން މިސްކިތުގެ އޭސީގެ ނިޒާމް މަރާމާތު ކުރުމަށް ހަ މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.



މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީގެ ސިސްޓަމުގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެކަން ހައްލުނުކުރެވި ދިގުދެމިގެން ގޮސްފައިވާތީ ސިސްޓަމްތެރޭގައި ހުރި މެޝިންތައް ހަލާކުވެ އެކިކަހަލަ މައްސަލަތައް ދިމާވެފައިވާ ކަމަށެވެ. އަދި އެތަން ފިނިކުރުމުގެ ނިޒާމަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އިސްލާމީ ކަންތަައްތަކާބެހޭ ވަޒީރު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުން-- ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

"އެކަން ހައްލުކުރުމަށްޓަކައި ހަ މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ. އެ ބަޖެޓް ހޯދުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށް އެބަދޭ. އެ ސިސްޓަމް ކުރިން ވެސް ރަނގަޅު ކުރުމަށް އެބަހުރި ތުރުކީގެ ކުންފުންޏަކާއެކު މަސައްކަތް ކޮށްފައި. އެއީ އެ މިސްކިތް ހެދިއިރު ސިސްޓަމް ބެލެހެއްޓި ފަރާތް." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީގެ ނިޒާމް ބެލެހެއްޓޭނެ ފެންވަރު މީހުން ރާއްޖޭގައި ވެސް އެބަތިބި ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ދިވެހިންނާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އިސްލާމީ ކަންތަައްތަކާބެހޭ ވަޒީރު ބާއްވަވާ ނޫސްވެެރިންގެ ބައްދަލުވުން-- ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

" ސަރުކާރުގެ ސިޔާސަތަކީ ދިވެހިންނަށް އިސްކަން ދިނުން. އެކި ފަރާތްތަކާއެކު ވާނީ ބައްދުލުކޮށްފައި ވާނީ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް. ދިވެހިންނަށް މިކަން ކުރެވޭނެ އެހެންވީމަ ދިވެހިންނަށް ކަންކުރެވޭ ގޮތަށް ދާއިމީކޮށް އެކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަނީ." ޝަހީމް ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގައި ޖުމްލަ 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ފަސް ސެމިނާ ރޫމުގެ އިތުރުން އިސްލާމިކް ލައިބްރަރީއެއް ވަނީ ގާއިމު ކޮށްފައެވެ. ހަތަރުވަނަ ފަންގިފިލާއަކީ ސެމިނާ ތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ހާއްސަ އޮޑިޓޯރިއަމެކެވެ. މިސްކިތުގެ ފަސްވަނަ ފަންގިފިލާ ތަރައްޤީ ކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ހޯލެއްގެ ގޮތަށެވެ.



More from Vaguthu