ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ފިލަން ދުވި މީހަކަށް 4 މަހުގެ ޖަލު ހުކުމެއް!

Wed, 08 May 2024 04:08 PM

View on this article on Vaguthu

ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ފިލަން ދުވި މީހަކަށް 4 މަހުގެ ޖަލު ހުކުމެއް!

ފުލުހުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްގެން ވިލިމާލޭ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ހުއްޓާ އެތަނުން ފިލަން ދުއްވައިގަތް މައްސަލައިގައި އެ މީހާގެ މައްޗަށް އުފުލި ދައުވާ ސާބިތުވުމުން އޭނާ ހަތަރު މަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.



ދައުލަތުން އެ މީހާގެ މައްޗަށް އުފުލި، ޖިނާއީ ބަންދުން ފިލުމުގެ ކުށުގެ ދައުވާގައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި އޭނާ ހައްޔަރުކޮށް، ބަންދު ކުރުމަށް ނިންމައި ވިލިމާލެ ޕޮލިސްްޓޭޝަންގެ ރިސެޕްޝަން އޭރިއާގައި ބައިންދާފައި އިންދައި 15 ޑިސެންބަރު 2022 ވަނަ ދުވަހުގެ 16:00 ހާއިރު، އޭނާ އެތަނުން ފިލާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ދައުވާލިބޭ ފަރާތް ޝަރީއަތުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރާ ދައުވާ ސާފުވެއްޖެ ކަމަށާއި އެ ދައުވާ އަށް އިންކާރު ކުރާ ކަމަށެވެ. އެހެންވެ، ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ކުރަން ހެކީންގެ ގޮތުގައި ހާދިސާ ހިނގި އިރު ޕޮލިސް ސްޓޭޝަނުގައި ތިބި ފުލުހުން ހުށަހަޅައިފައެވެ.

ހެކިބަސް ދިން ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހާ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ހުއްދަ ނެތި ގެއަކަށް ވަން މައްސަލައެއްގައެވެ. އޭނާ ސްޓޭޝަނުގައި ބައިންދާފައި އިންދައި ފެން ފުޅިއަށް ފެން އަޅައިދޭށޭ ކިޔާފައި ރިސެޕްޝަނުގެ ކައުންޓަރު ކައިރިއަށް ގޮސް، ދޮރު ހުޅުވާފައި ފިލަން ދުއްވައިގަތް ކަމަށް ވެއެވެ.

އެހެންނަމަވެސް، އޭނާއަށް ފިލަން ނުކުމެވުނީ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކާ ދިމާލަށް ކަމަށާއި، އޭނާ ހުއްޓުވީ އެތަނުން ދިޔަ އޮފް ޑިއުޓީ ފުލުހަށް ފެނިގެން އޭނާ ފަހަތުން ދުވެފައި ގޮސް ފާރެއެއް ކައިރިން ކަމަށް ހެކިވެރިން ބުނެފައިވެއެވެ.

ދައުވާ ލިބޭ ފަރާތުން ދައުވާ އަށް އިންކާރު ކޮށްފައި ވީނަމަވެސް، މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ދައުވާލިބޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބައިންދާފައި އިންދާ ފިލަން މަސައްކަތް ކޮށްފައިވާކަން ސާބިތުވާ ކަމަށް މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވެއެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާއިން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ކުށް ސާބިތުވާ ކަމަށް އިސްގާޒީ އާދަމް މުހައްމަދު ނެރުއްވި ހުކުމުގައި ކަނޑައަޅާފައެވެ.

ޖިނާއީ ބަންދުން ފިލުމުގެ ކުށަކީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށަށް އޮންނަ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. ދައުލަތުން އެދުނީ، ކުށުގެ ދަރަޖައަށް އެއް ދަރަޖަ އިތުރުކޮށް، އޭނާ އެއް އަހަރަށް ޖަލަށްލުމަށެވެ. އެހެންނަމަވެސް، އިސްގާޒީ ނިންމެވީ އޭނާއަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅުމަށެވެ.



More from Vaguthu