އޭޕްރިލްގެ ނިޔަލަށް މަސްވެރިކަމުގެ ލައިސަންސް 481 އުޅަނދަކުން ނަގައިފި

Sat, 04 May 2024 06:44 PM

View on this article on Vaguthu

އޭޕްރިލްގެ ނިޔަލަށް މަސްވެރިކަމުގެ ލައިސަންސް 481 އުޅަނދަކުން ނަގައިފި

މިއަހަރުގެ އޭޕްރިލްގެ ނިޔަލަށް މަސްވެރިކަމުގެ ލައިސަންސް 481 އުޅަނދަކުން ނަގައިފިއެވެ.



މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަނީ ރާއްޖޭގައި އޭޕްރިލްގެ ނިޔަލަށް މަސްވެރިކަމުގެ ލައިސަންސް 481 އުޅަނދު ކަމަށް ބުނެ އިއްޔެ "އެކްސް" ގައި ޕޯސްޓެއް ވެސް ކޮށްފައެވެ.

މަސްވެރިކަމުގެ ލައިސަންސަށް ނަގާ ފީ އެ މިނިސްްރީން ވަނީ 2022 ވަނަ އަހަރު ކުޑަކޮށްފައެވެ. މި ފީ ކުޑަކޮށްފައިވަނީ ކަނޑުމަހުގެ މަސްވެރިކަން ހިންގައި، ބެލެހެއްޓުމާއި ގުޅޭ އައު ޤަވައިދުގެ ދަށުންނެެވެ.

މަސްވެރިކަންކުރާ އުޅަނދުފަހަރުން ފީ ނަގަނީ އެ އުޅަނދެއްގެ ކުޑަ ބޮޑުމިނަށް ބެލުމަށްފަހުއެވެ. ގެޒެޓްކޮށްފައިވާ ޤާނޫނުގައިވާ ގޮތުން މަސްވެރިކަމުގެ ލައިސަންސަށް ނަގާ ފީ ކުޑަކޮށް މިކަމުން މަސް ދޯނިފަހަރަށް ވަނީ ލުއިކޮށްދީފައެވެ.

ޤަވާއިދުގައި ވާގޮތުންނަމަ ވަކިވަކިން ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރާ އުޅަނދު 1 އަހަރުދުވަހުގެ މުއްދަތަކަށް 49 ފޫޓަށްވުރެ ކުޑަނަމަ ނަގާނީ 500 ރުފިޔާއެވެ. އަދި 49 ފޫޓަށްވުރެ ބޮޑުނަމަ ނަގާނީ 1500 ރުފިޔާއެވެ. އަދި މި 2 ބާވަތުގެ މަސްވެރިކަން ކުރާ އުޅަނދުގެ އަގުން 1 އަހަރުދުވަހުގެ މުއްދަތަކަށް 49 ފޫޓުން ކުޑަ އުޅަނދެއްނަމަ ނަގާނީ ހަމަ އެއް އަގެކެވެ. ނަމަވެސް 49 ފޫޓަށްވުރެ ބޮޑުނަމަ ނަގާނީ 1800 ރުފިޔާއެވެ.

އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރަށް 2 އަހަރުގެ މުއްދަތަކަށް 49 ފޫޓަށްވުރެ ކުޑަނަމަ ނަގާނީ 250 ރުފިޔާއެވެ. އަދި 49 ފޫޓަށްވުރެ ބޮޑުނަމަ ނަގާނީ 500 ރުފިޔާއެވެ.

ކުރިން އޮތް ގޮތުންނަމަ 45 ފޫޓުން ދަށްނަމަ އުޅަނދުން ނަގާނީ 600 ރުފިޔާއެވެ. 45 ފޫޓުން ފެށިގެން 65 ފޫޓާއި ހަމައަށްދާ އުޅަނދުން ނަގާނީ 1200 ރުފިޔާއެވެ. 65 ފޫޓުން 85 ފޫޓާއި ހަމައަށްދާ އުޅަނދުން 1800 ރުފިޔާ ނަގާއިރު 85 ފޫޓުން މަތީގެ އުޅަނދުން ކުރިން ނަގާނީ 3600 ރުފިޔާއެވެ.

މިގެނައި ބަދަލުތަކާއި ގުޅިގެން ހުރިހާ ބާވަތެއްގެ މަސްވެރިކަމުން ނަގާ ފީއަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އަދި ބައެއް ދާއިރާތަކުގެ މަސްވެރިކަމުން ކުރިން ދައްކަމުން އައި ފީއަށްވުރެ މިހާރު ދައްކަމުން އައި ފީވަނީ %58 ކުޑަވެފައެވެ. އޭގެތެރެއިން އެއް ބާވަތަކީ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ 85 ފޫޓުގެ އުޅަނދުތަކެވެ. ކުރިން 3600 ރުފިޔާ ދައްކަން ޖެހޭއިރު މިހާރު މި ބާވަތުގެ އުޅަނދުތަކުން ދައްކަން ޖެހެނީ 1500 ރުފިޔާއެވެ.



More from Vaguthu