އައްޑޫން ފެން ކެނޑޭ މައްސަލައަށް ހައްލު ހޯދުމަށް މިހާ ދުވަސް ނެގުމަކީ ނުކުޅެދުމެއް - ނިޒާރު

Sat, 04 May 2024 05:42 PM

View on this article on Vaguthu

އައްޑޫން ފެން ކެނޑޭ މައްސަލައަށް ހައްލު ހޯދުމަށް މިހާ ދުވަސް ނެގުމަކީ ނުކުޅެދުމެއް - ނިޒާރު

އައްޑޫސިޓިން ފެނުގެ ހިދުމަތް ކެނޑޭ މައްސަލައަށް ހައްލު ހޯދުމަށް މިހާ ދުވަސް ނެގުމަކީ ނުކުޅެދުމެއް ކަމަށާއި މިކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް އެސީޓީގެ މޭޔަރު އަލީ ނިޒާރު ގޮވާލައްވައިފިއެވެ.



ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެންސަޕްލައި ކޮއްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަހާއި ގާތްވެފައިވާ ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ ޝަކުވާ އިތުރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މިކަމަށް ހައްލު ހޯދަން މިހާ ދުވަސްނަގަން ޖެހުމަކީ ނުކުޅެދުމެއް ކަމަށާއި މިތަކްލީފަށް އަވަސް ހައްލެއް ހޯއްދަވައި ދިނުމަށް ފެނަކަ ކޯޕަރޭޝަނަށް ގޮވާލާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު މީގެ ކުރިން ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެން ކެނޑެން ދިމާވެފައިވަނީ މިދިޔަ ސަރުކާރުން އެތަނުގައި އެއްވެސް ވަރަކަށް މެއިންޓެއިން ކޮށްފައިނުވާތީ ކަމަށެވެ. އަދި އެނާޖީ އޮތޯރިޓީން ވަނީ އައްޑޫގެ ކަރަންޓުގެ ހާލަތާ ގުޅޭ ރިޕޯޓެއް މިދިޔަ އަހަރު ހަދާފައިވާކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވީ، މި ފަހަރު ފެނުގެ ހިދުމަތް ކެނޑުނީ، އެ ރިޕޯޓުގައި ހުރި ކަންކަން އިސްލާހުނުކޮށް، ދިގުލައިގެން ދިއުމުން ކަމަށެވެ.

އައްޑޫ ފެނުގެ މައްސަލައަށް ހައްލު ހޯދުމަށް އެ ސިޓީގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފެން ކުންފުންޏާއި ހަވާލު ކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން، ސ. ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 1500 ޓަނުގެ ބޯފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި 2000 ޓަނުގެ 3 ތާންގީ އާއި 1000 ޓަނުގެ 3 ތާންގީ އާއި އެކު ޖުމްލަ 6 ތާންގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި kW100 ސޯލަރ ޕީވީ ސިސްޓަމް ގާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން ހުޅުމީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި 1000 ޓަނުގެ 3 ތާންގީ ބެހެއްޓުމާއި ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި kW75 ސޯލަރ ޕީވީ ސިސްޓަމް ގާއިމްކުރުން ހިމެނެއެވެ. އަދި ހިތަދޫ އާއި ހުޅުމީދޫއަށް ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި، މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫގައި ފެން ރައްކައުކުރުމަށްޓަކައި 1000 ޓަނުގެ ޖުމްލަ 4 ތާނގި ބެހެއްޓުން ހިމެނެއެވެ.

އަދި މި މަޝްރޫއުގެ ދަށުން، މި ރަށްރަށުގެ ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމާއި އަދި ސްޕެއަރ ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

އައްޑޫގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ޖުމްލަ އަގަކީ 282 މިލިޔަން ދިވެހި ރުފިޔާއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރެވިފައި ވަނީ 365 ދުވަހުގެ (1 އަހަރުގެ) ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.



More from Vaguthu