ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމުގެ ޤައުމީ ހަރަކާތް ފަށަނީ

Thu, 02 May 2024 09:14 AM

View on this article on Vaguthu

ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމުގެ ޤައުމީ ހަރަކާތް ފަށަނީ

ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމުގެ ޤައުމީ ހަރަކާތް ފަށަން ސަރުކާރުން ނިންމައިފިއެވެ.



ހޯމް މިނިސްޓްރީން ރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ޤައުމީ ހަރަކާތް " އޮޕަރޭޝަން ކުރަނގި" ކ. ހިންމަފުށީގައި މިއަދު ފަށާނެ ކަމަށެވެ. ނަމަވެސް އެ ހަރަކާތާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރުމީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަން ސަރުކާރުން ވަނީ ފަށާފައެވެ.

ރާއްޖޭގައި ބިދޭސީންގެ އަދަދުތައް ވަރަށް ގިނަ އެވެ. އަދި ވަޒީފާގެ މާހައުލުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު، މީގެ ތެރޭ ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުން ގިނައެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޑރ. މުުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އާމުދަނީ ހޯދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށް، ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބިދޭސީންގ ފިންގަ ޕްރިންޓްނެގުމުގެ މަސައްކަތާ ގުޅޭގޮތުން މީގެ އެއްމަސް ކުރިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން "ވަގުތު" އަށް ވިދާޅުވީ އެކަމަށް ބޭނުންވާ ސޮފްޓްވެއަރ ޑިޒައިން ކުރުމުގެ މަސައްކަތް ފަހު މަރުހަލާއަށް ގޮސްފައިވާ ކަމަށެވެ.

މި ސޮފްޓްވެއަރ އާއެކު އެކި ރަށްތަކުގައި ތިބޭ ބިދޭސީންގެ އަދަދު ކަށަވަރުވެގެންދާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އަދި ޤަވާއިދުގެ ތެރެއިން ބަދަލު ކުރެވޭ ބިދޭސީން ތިބި ކަމަށްވާނަމަ އެމީހުން ޤަވާއިދަށް ފައްތާނެ ކަމަށް ވިދާޅުވިއެވެ. އިހުސާން އިތުރަށް ވިދާޅުވީ ޤަވާއިދުގެ ތެރެއަށް ވެއްދެން ނެތް ބިދޭސީން ސަރުކާރުން ޑީޕޯޓް ކުރާނެ ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބިދޭސީން ގެނެވޭ މެކޭނިޒަމްގެ ތެރެއިން އެކައުންޓެބިލިޓީ ހަރުދަނާ ކުރާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، ގަވައިދާ ހިލާފަށް އުޅޭ މީހުންނަށް އަމިއްލަ އިހްތިޔާރުގައި ރާއްޖެ ދޫކޮށް ދިއުމަށް ހުޅުވާލާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ވީ އެންމެ އަވަސް މުސްތަގުބަލެއްގައި ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އެހެންކަމުން ސަރުކާރުގެ ގުޅުންހުރި ގިނަ މުއައްސަސާތަކާއި ގުޅިގެން މި މައްސަލަ ހައްލުކުރަން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް ޝައްމާން ވިދާޅުވިއެވެ.



More from Vaguthu