މިއީ އެމްޑީޕީ ލީޑާޝިޕް އިސްތިއުފާދޭންވީ ވަގުތެއް ނޫން - ފައްޔާޒު

Thu, 02 May 2024 08:58 AM

View on this article on Vaguthu

މިއީ އެމްޑީޕީ ލީޑާޝިޕް އިސްތިއުފާދޭންވީ ވަގުތެއް ނޫން - ފައްޔާޒު

މިވަގުތަކީ އެމްޑީޕީ ލީޑާރޝިޕް އިސްތިއުފާ ދޭންވީ ވަގުތު ނޫން ކަމަށާއި އަނެއްކާވެސް ޕާޓީ ނަގައި ކޮޅަށް ޖެހުމަށް ލީޑާޝިޕް ބޭނުންވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.



އެމްޑީޕީން ރޭ ބޭއްވި އެޕާޓީގެ އާންމު ބައްދަލުވުން ނިންމާލުމަށްފަހު ޕާޓީގެ ލީޑަރޝިޕުން ވަނީ ނޫސްވެރިންނާއި ބައްދަލުކޮށްފައެވެ. ނިމިދިޔަ ރިޔާސީ އިންތިހާބާއި ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީގެ ސިއްރަކީ އެޕާޓީގެ ލީޑަރޝިޕް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެމްޑިޕީގެ ލީޑަރޝިޕްގައި ތިބި ބޭފުޅުން ފެއިލްވެއްޖެ ކަމަށް ބުނަމުންނެވެ. އަދި އެބޭފުޅުން އިސްތިއުފާދޭންޖެހޭ ކަމަށް ދަނީ ގޮވަމުންނެވެ.

މިކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވީ މިދަނޑިވަޅަކީ ޕާޓީ ނަގައި ކޮޅަށް ޖަހަން ޖެހޭ ވަގުތު ކަމަށާއި މިއީ ލީޑަރޝިޕްގައި ތިބި ބޭފުޅުން އިސްތިއުފާދޭން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

"ކުރިއަށް އޮތް މުސްތަގުބަލުގައި އަޅުގަނޑުމެންގެ މެމްބަރުންނަށް ލީޑާޝިޕް ބަދަލުކުރަން ޖެހޭ ކަމަށްވަންޏާމުން އެ ފުރުސަތު ވެސް ދޭނަން. މިއީކީ އެވަގުތު ކަމަށް ގަބޫލެއް ނުކުރަން. މިއީ އަނެއްކާ ވެސް ޕާޓީ ނަގައި ކޮޅަށް ޖަހައްވީ ވަގުތު" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިސްތިއުފާ ދެއްވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ފައްޔާޒު މަޤާމުން އިސްތިއުފާ ދީގެން ނުވާނެ ކަމަށާއި އެމްޑީޕީގެ ލީޑަރޝިޕަކީ ބަލިވުމުން މައިދާން ދޫކޮށް ދާނެ ބައެއް ނޫން ކަމަށެވެ. އަދި މިއީ ޖެހިޖެހިގެން އިންތިހާބުތަކުން ބަލިވި ފުރަތަމަ ފަހަރު ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.



More from Vaguthu