ޑްރަގް ޓްރެފިކް ކުރި މީހަކަށް 11 އަހަރުގެ ޖަލު ހުކުމަކާއި 50،000 ރުފިޔާގެ ޖޫރިމަނާއެއް!

Mon, 29 Apr 2024 11:52 AM

View on this article on Vaguthu

ޑްރަގް ޓްރެފިކް ކުރި މީހަކަށް 11 އަހަރުގެ ޖަލު ހުކުމަކާއި 50،000 ރުފިޔާގެ ޖޫރިމަނާއެއް!

ގިނަ އަދަދެއްގެ މަސްތުވާތަކެތި ޓްރެފިކްކުރި ކަމުގެ ކުށް ސާބިތުވި މީހަކު 50000 ރުފިޔާއިން ޖޫރިމަނާކޮށް 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.



މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް ކޮށްފައިވަނީ ކ. މާލެ، ހ. ހުދުހުދާ މަންޒިލް، މުހައްމަދު ފައިސަލްގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 2017 ވަނަ އަހަރު އެޕްރީލް މަހުގެ 15 ވަނަ ދުވަހު ފައިސަލް އާއި ބަންގްލަދޭޝް މީހަކު ދުއްވާފައިދިޔަ ސައިކަލެއް މ. ބޮލިފުށިގެ ކައިރިން ލައިނޫފަރުމަގުން ދުއްވަމުން ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރި ކަމަށެވެ. އަދި ފައިސަލް ބަލައި ފާސްކުރީ އޭނާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކަމަށްވެއެވެ.

ސައިކަލު ހުއްޓުވައި ބަލައިފާސްކުރިއިރު، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކިއަމް އުއްދިން އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ސިލިކޮން ފުޅިއެއްގެ ފޫ ނައްޓައި ބެލިއިރު، އެ ފުޅި ތެރެއިން މާސްކިން ޓޭޕް އަޅާފައި އޮތް ޖޫސްޕެޓީ ކޮތަޅެއް ފެނުނު ކަމަށް ހުކުމުގައިވެއެވެ. އަދި އެ ޖޫސްޕެޓީ ކޮތަޅުގެ ތެރެއިން ޓޭޕް އަޅާފައިވާ ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މޯފިން ހުރި 100 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އެތަކެތީގެ ބަރުދަނުގައި 49.1683 ގުރާމް ހުރިކަމަށާއި އަދި އެ ތަކެއްޗާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މ. ފޭވަރިޓްހިލްގެ ތިން ވަނަ ފްލޯގައި ފައިސަލް ދިރިއުޅޭ އެޕާޓުމަންޓު ބަލައި ފާސްކުރި އެވެ. އެ އެޕާޓުމަންޓުގެ ބަދިގޭގައި ހުރި އުނދުނެއްގެ އިސްކުރުތައް ނައްޓައި ބެލިއިރު ވައަތްފަރާތު ކައްކާބައިގެ ތެރެއިން 19 ޖޫސްޕެޓީ ކޮތަޅު ވަނީ ފެނިފައެވެ. އެ ޖޫސްޕެޓީ ކޮތަޅުތަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މޯފިންގެ 955.0204 ގްރާމް ފެނިފައިވެއެވެ. އަދި އެ އުނދުުނުގެ ކަނާތް ފަރާތު ކައްކާބައިގެ ތެރޭގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން 35.43 ގުރާމް މޯފިން އަޅާފައި ހުރި ދެ ޖޫސްޕެޓީ ކޮތަޅު ފެނިފައިވެއެވެ.

ކިއަމް އުއްދިން އަކީ މިކަމުގައި ބައިވެރިވުން އޮތް މީހެއް ނޫންކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކިއަމް އުއްދިން އާއި ފައިސަލް ސައިކަލުގައި ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރަނިކޮށް ފެނުނު މަސްތުވާތަކެއްޗަކީ ފައިސަލްގެ އެއްޗެއް ކަމަށް އެވަގުތު ދެ މީހުންވެސް ފުލުހުން ގާތު ވަނީ ބުނެފައެވެ. އަދި ތަހުގީގު މަރުހަލާގައިވެސް ކިއަމް އުއްދީން ދީފައިވާ ބަޔާން ކޯޓުގައިވެސް އޭނާ ވަނީ ދީފައެވެ. އެއީ އޭނާ މަގުމަތީގައި ހުއްޓާ މަސައްކަތެއް ކުރަން ކަމަށްބުނެ ގެއަކަށް ވެއްދުމަށްފަހު އޭނާ އަތަށް ފައިސަލް ދިން ކޮތަޅެއް ކަމަށް ވަނީ ބުނެފައެވެ.

ފައިސަލްގެ އަތުންނާއި އޭނާ ދިރިއުޅުނު ތަނުން ކިލޯ އަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާއިރު، އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލީ ޖަދުވަލު 2ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. އެ ކުށަށް އޮންނަ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 50،000ރ. އާއި 10،000،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މައްސަލަ ބަލައި ކްރިމިނަލް ކޯޓުން މި މަހުގެ 24 ވަނަ ދުވަހު ހުކުމް ކުރީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ފައިސަލްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށްފަހު ކޯޓުން ނިންމީ އޭނާ 11 އަހަރާއި ހަ މަހާއި އެއް ދުވަހަށް ޖަލަށްލުމަށެވެ.

އެހެން ނަމަވެސް މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި އޭނާ ފަސް އަހަރާއި ހަ މަހާއި އެއް ދުވަސް ހޭދަކޮށްފައިވާތީ، ހުކުމުން އެބައި އުނިކޮށް ހަ އަހަރު ދުވަހަށް ޖަލަށްލައި 50،000 ރުފިޔާއިން ޖޫރިމަނާކުރުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ ނަދީމް ހުކުމްކުރެއްވިއެވެ.

މީގެ އިތުރުން ޖޫރިމަނާ ފައިސާ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.



More from Vaguthu