ރައްޔިތުންނަށް ދޫކޮށްފައި ހުރި ބިންތައް އަމިއްލަ ބިންތަކަށް ހަދައިދޭން ގޮވާލައިފި

Mon, 29 Apr 2024 11:34 AM

View on this article on Vaguthu

ރައްޔިތުންނަށް ދޫކޮށްފައި ހުރި ބިންތައް އަމިއްލަ ބިންތަކަށް ހަދައިދޭން ގޮވާލައިފި

ސަރުކާރުން ރައްޔިތުންނަށް މިހާރު ދޫކޮށްފައި ހުރި ބަންޑާރަ ބިންތައް އަމިއްލަ ބިންތަކަށް ހަދައިދޭން ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.



ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްގެންދާ ބިމާބެހޭ ބިލަށް ބަހުސްކުރައްވައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ގާނޫނުތައް ތަންފީޒުކުރުމުގައި ރައްޔިތުން އެގާނޫނުތަކަށް ހޭލުންތެރިކުރަން ޖެހޭ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ، ރައްޔިތުންނަށް މިހާރު ދިމާވެފައި ހުރި މައްސަލަތަކެއްގެ ހައްލު އެބިލުން ލިބިގެންދާނެ ކަމަށެވެ. ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ރިއަލްއެސްޓޭޓް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮމޯޓަރުންނާއި، ޑިވެލޮޕަރުންނާއި ރަޖިސްޓްރީކުރުމުގެ އުސޫލުތަކާއި، އެފަދަ މަޝްރޫއުތައް ހިންގުމުގެ ޒިންމާތައް ބަޔާންކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"މިހާރު އޮންނަ ގޮތަށް ވެއްޖިއްޔާ ރިއަސްއެސްޓޭޓް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮމޯޓަރުންނާއި، ނުވަތަ ޑިވެލޮޕަރުން އޭނާ މަޝްރޫއެއް ހިންގަން ފަށަނީ، އެ މަޝްރޫއުގައި ބައިވެރިވަނީ އެކި ފަރާތްތައް. ކޮންމެ ފަރާތެއް، މިސާލަކަށް ހުޅުމާލެއިން ބަޔަކު ބިމެއް ނަގަނީ، އެބިން ނަގާފަ ހައުސިން މަޝްރޫއެއް، 72 އެޕާޓްމަންޓުގެ މަޝްރޫއެއް ހިންގަނީ، އެމަޝްރޫއުގައި ބައިވެރިވާ ފަރާތްތަކުން އެބަ ދައްކާ ޑައުން ޕޭމަންޓުވެސް، އެމީހުންގެ އަތުން ވަރަށް ގިނަ އަދަދަކަށް ފައިސާވެސް ނަގާ." ބޮންޑެ ވިދާޅުވިއެވެ.

އެހެން ނަމަވެސް، މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށާއި، ފައިސާކޮޅު އެހެން ގޮތަކުން މަކަރާއި ހީލަތުން ބޭނުންކޮށްގެން އެމީހުން ފިލާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެހެން ނަމަވެސް މަޝްރޫއުގައި ބައިވެރިވާ ފަރާތްތަކުގެ އެދޭ ފައިސާވެސް ވަކި އެކްސްކްރޯ އެކައުންޓެއްގައި ބަހައްޓައިގެން ހަމައެކަނި އެ މަޝްރޫތަކަށް އެފައިސާ ހަރަދުކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވާ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ، މާލެ ސަރަހައްދުން ގާތްގަނޑަކަށް 30 ބިލިއަނަށްވުރެ ރުފިޔާގެ އެސެޓްސް ނުވަތަ އެއަގުހުރި ބިންތައް މާލޭ ދާއިރާގެ ރައްޔިތުންނަށް ދެވިފައިވާ ކަމަށާއި، މިހާރު ހުރި ހުރިހާ ބިންތަކަކީވެސް ސަރުކާރުގެ ބިންތައް ކަމަށެވެ. ގާނޫނު އޮންނަ ގޮތުން ސަރުކާރުން ބިންތައް ރައްޔިތުންނަށް ދޫކުރަނީކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބަންޑާރަ އޭ ކިޔާފަ އޮންނަނީ ނަމެއްގަ. އެބިންތައް ޕްރައިވެޓް ލޭންޑުތަކަށް އަމިއްލަ ބިންތަކަށް ބަދަލުކުރަަންޖެހޭ. %10 ނުދެއްކިގެން އެބިން ބާއްވަން ޖެހޭނީ ނުހެދިފަ، ދުނިޔެ އުމުރަށް، މުސްކުޅިވާއިރުވެސް،" ބޮންޑެ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބިންތައް އަމިއްލަ ބިންތަކަށް ހަދައިފި ނަމަ އެއީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. ބިމެއް ދިނުމުން މިހާރު އޮންނަ ގޮތަކީ މަޝްރޫއެއް ފަށާފައި ހުރިހާ ތަކެތި ގެންނަނީ ބޭރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ބިލު ފާސްކޮށްފި ނަމަ ރާއްޖޭގައި ގެދޮރު އަޅާ ކުންފުނިތަކަށް އެކަމުގެ ފައިދާ ވާނެ ކަމަށާއި ރާއްޖޭގެ ހާޑްވެއާ ފިހާރަތަކުން މަސައްކަތަށް ބޭނުންވާ ސާމާނު ވެސް ގެންނާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން އަމިއްލަ އެހެން ވިޔަފާރިތަކަށް ވެސް ފުރުސަތުތައް ފަހިވެ އިގްތިސާދު ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރޭގަނޑު ވިޔަސް ކޮމިޓީ ބާއްވައިގެން ބިމާ ބެހޭ ބިލާއި ރިއަލް އެސްޓޭޓް ބިލު ފާސް ކުރަން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެކަން ކޮށްފި ނަމަ ރައްޔިތުންނަށް ފަސޭހަވެ، އިންތިހާއަށް އިގްތިސާދު ކުރިއަރައިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



More from Vaguthu