ފެނާއި ކަރަންޓުގެ ޑިސްކައުންޓުގެ ގޮތުގައި ބިލްތަކުން 20 މިލިއަން ރުފިޔާ ކެނޑި: ފަހުމީ

Sun, 28 Apr 2024 01:06 PM

View on this article on Vaguthu

ފެނާއި ކަރަންޓުގެ ޑިސްކައުންޓުގެ ގޮތުގައި ބިލްތަކުން 20 މިލިއަން ރުފިޔާ ކެނޑި: ފަހުމީ

ފެނާއި ކަރަންޓު ބިލުތަކުން ރޯދަ މަހު ޑިސްކައުންޓުގެ ގޮތުގައި 20 މިލިއަން ރުފިޔާ ކަނޑާފައިވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.



ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ، ނިމިދިޔަ ރޯދަމަހު ކަރަންޓު ބިލް ބޮޑުވާނެ ކަމަށް ލަފާކުރެވޭތީ އެމަހުގެ ބިލުން ވަރަށް ބޮޑު ޑިސްކައުންޓެއް ދީފައިވާނެ ކަމަށާއި އޭގެތެރޭގައި އަލަށް ކަރަންޓުލި ފަރާތްތައްވެސް ހިމެނޭ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް ކޮންޒިއުމަރުންނަށް ރޯދަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވާނެކަން ފަހުމީ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ނިންމަވާފައި އޮތީ ރޯދަމަހު ކުރާ ޚަރަދަށް ލުޔެއް ދިނުމުގެ ގޮތުން ރޯދަ މަހު އަރާ ބިލަށް ޑިސްކައުންޓު ދޭ ގޮތަށް. އަޅުގަނޑުމެން ވާނީ ޑިސްކައުންޓު ވަރަށް ތަނަވަސްކޮށް ހުރިހާ ޑޮމެސްޓިކް ކޮންޒިއުމަރުންނަށް ދީފައި. ހުޅުމާލޭ އަލަށް ކަރަންޓުލީ ފަރާތްތަކަށް، ހިސްޓްރީއެއް ނެތްނަމަވެސް އަޅުގަނޑުމެން ވަނީ އެފަރާތްތަކަށްވެސް ޑިސްކައުންޓެއް ދީފައި." ފަހުމީ ވިދާޅުވިއެވެ.

ރޯދަ މަހަށް ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ދިން ޑިސްކައުންޓުގެ ދަށުން ހުރިހާ ކަރަންޓު އަދި ފެން ބިލްތަކުން ޑިސްކައުންޓުގެ ގޮތުގައި ޖުމްލަ 20 މިލިޔަން ރުފިޔާ ކަނޑާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރަމަޟާންމަހު ޑިސްކައުންޓަށް 20 މިލިޔަން ރުފިޔާ އަޅުގަނޑުމެންނަށް ދެވުނު، ފެނާއި ކަރަންޓަށް. ރައީސުލްޖުމްހޫރިއްޔާއަށް ފެނިލެއްވީ އިޤްތިސާދު އޮތް ގޮތުން މިވަގުތު ރައްޔިތުންގެ ހާލަތު ހުރި ގޮތުން އަދި ކޭޝްފްލޯ ހުރި ގޮތުން ރޯދަމަހަށް ލުޔެއް ދިނުމުގެ ގޮތުން ރައީސް ދެއްވި ޑިސްކައުންޓެއް ޑިސްކައުންޓަކީ. އެއީ ވަރަށް އޯގާތެރި ޑިސްކައުންޓެއްގެ ގޮތުުގައި އަޅުގަނޑު ދެކެނީ." ފަހުމީ ވިދާޅުވިއެވެ.

މާރޗް، އޭޕްރީލް އަދި މެއި މަހަކީ އާންމުކޮށް ރާއްޖޭގައި ކަރަންޓު ބިލް ބޮޑުވާ ތިން މަހަށްވާއިރު ރޯދަމަހު އެކަނި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ބެލި ބެލުމުން އެހެން މަސްތަކުގައި ކަރަންޓުގެ ޕީކު ހުންނަ މިންވަރު ރޯދަމަހު އިތުރުވާ ކަމަށެވެ. ރޯދަމަހުގެ ބިލުން ޑިސްކައުންޓު ދޭން ނިންމި ނިންމުމަކީ ރަނަގަޅަށް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް މޫސުމަށް އަންނަ ބަދަލާއެކު ހޫނު ގަދަވާތީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ބިލްތައް ބޮޑުވާކަން ފަހުމީ ފާހަގަކުރެއްވިއެވެ.

"މީ ހަމައެކަނި ރާއްޖޭގައި ކަރަންޓު ބިލް ބޮޑުވެގެން ނޫން މިއުޅެނީކީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ކަރަންޓު ނުވަތަ ގޭސް ބިލަށް މި ބަދަލު އައިސްފައި އެބަހުރި." ފަހުމީ ވިދާޅުވިއެވެ.

ކަރަންޓު ބިލްތައް ބޮޑުވުމުގައި ސްޓެލްކޯގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށާއި އެގެޔަކު ހުންނަ މީޓަރަކަށް އަރާ ވަރަކަށް ބިލް ތައްޔާރުކުރެވިގެން ދާނެކަމުގެ ޔަގީންކަން ވެސް ފަހުމީ ދެއްވިއެވެ.



More from Vaguthu