އެމްޑީޕީގެ ކުޅުދުއްފުށީ ގޮފީގެ ރައީސަކަށް އަލީ ވަހީދު

Sun, 28 Apr 2024 12:26 PM

View on this article on Vaguthu

އެމްޑީޕީގެ ކުޅުދުއްފުށީ ގޮފީގެ ރައީސަކަށް އަލީ ވަހީދު

އެމްޑީޕީގެ ހދ. ކުޅުދުއްފުށީ ގޮފީގެ ރައީސް އަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޔަންކޮށްފިއެވެ.



"ނަޔާ ކުޅުދުއްފުށި" ގޮފީގެ ރައީސްއަށް އަލީ ވަހީދު އައްޔަންކުރިކަން އެމްޑީޕީއިން ވަނީ "ވަގުތަށް" ޔަގީންކޮށްދީފައެވެ. އެ ގޮފީގެ ނައިބު ރައީސްއަކަށް އައްޔަންކުރީ ކުޅުދުއްފުށީ ކައުންސިލް މެންބަރު އާތިފާ އަލީއެވެ.

އެ ގޮފި ހިންގުމަށް 29 މެމްބަރުން ހިމެނޭ ކައުންސިލެއް ވެސް އުފައްދާފައިވެއެވެ. ގޮފީގެ ޕޮލިޓިކަލް ކައުންސިލްގެ ޗެއާއަކަށް ކުޅުދުއްފުށި ކައުންސިލްގެ ކުރީގެ ރައީސް އަލީ މުހައްމަދު އައްޔަންކޮށްފައިވެއެވެ. އަދި ގޮފީގެ އިކޮނޮމިކް ކައުންސިލްގެ ރައީސައަށް އަބްދުލް ލަތީފު ހަސަން އައްޔަންކޮށްފައިވެއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަލީ ވަހީދު ވަނީ އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވައިފައެވެ. ނަމަވެސް އޭނާއަށް ގޮނޑި ކާމިޔާބެއް ނުކުރެއްވުނެވެ.

މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދު އެ މަގާމުން ވަކި ކުރީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރުމުންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ރޭޕްއާއި ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލުމުން އޭނާ އުޅުއްވީ ރާއްޖެއިން ބޭރުގައި ފިއްލަވައިގެންނެވެ.

އޭނާ އެނބުރި ރާއްޖެ ވަޑައިގަތީ އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމުންނެވެ. ދައުލަތުން އެ ދައުވާތައް އަނބުރާ ގެންދިޔައީ އެ މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުން ފަހުން ހެކިބަސް ދޭން ބޭނުން ނުވުމުން މައްސަލަ ސާބިތުނުކުރެވޭނެ ކަމަށް ބަލައިގެންނެވެ.

އެފަހުން އޭނާ ފެނިގެން ދަނީ އެމްޑީޕީގެ ސިޔާސީ މަސައްކަތްތަކުންނެވެ. ޖިންސީ ގޯނާއާއި ރޭޕްގެ ތުހުމަތުތަކުގައި މަގާމުން ވަކި ކުރިޔަސް ފަހުން އަލުން އެމްޑީޕީން އޭނާ ބަލައިގެންފައިވާތީ، މަޖިލިސް އިންތިހާބުގެ ތެރޭގައި އެމްޑީޕީއަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.



More from Vaguthu