ޑްރަގާއި ބަނގުރަލާއެކު ހައްޔަރުކުރި 4 މީހުންގެ ތެރެއިން އެކަކު އެ އެތަކެއްޗަށް ޒިންމާވެއްޖެ

Wed, 24 Apr 2024 06:58 PM

View on this article on Vaguthu

ޑްރަގާއި ބަނގުރަލާއެކު ހައްޔަރުކުރި 4 މީހުންގެ ތެރެއިން އެކަކު އެ އެތަކެއްޗަށް ޒިންމާވެއްޖެ

މާލޭ ސަރަހައްދުގެ އެޕާޓުމަންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިއަކާއި އެކު ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އެކަކު އެއަށް ޒިންމާވެއްޖެއެވެ.



މަސްތުވާތަކެތި އަދި ބަނގުރާ ގެންގުޅެ ވިޔަފާރިކުރާ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 31 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކާއި 41 އަހަރުގެ މީހަކާއި 53 އަހަރުގެ މީހެކެވެ.

މި މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް މިމަހުގެ 18 ވަނަ ދުވަހު ހާޒިރު ކުރުމުން އެ ކޯޓުން ވަނީ 31 އަހަރުގެ މީހާ އާއި 43 އަހަރުގެ މީހާ އާއި 41 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ. އަދި 53 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

ބަންދަށް ފަސް ދުވަސް ޖެހި މީހުންގެ މުއްދަތު ހަމަވެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މީގެ ތެރެއިން 43 އަހަރުގެ މިހާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ. އަދި ދެން ތިބި ދެ މީހުންގެ ބަންދަށް 20 ދުވަސް ކޯޓުން ވަނީ ޖަހާފައެވެ.

މި އެޕާޓުމަންޓުން ފެނުނު ތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށާއި އެއަށް އޭނާ ޒިންމާ ނަގާ ކަމަށް 43 އަހަރުގެ މީހާ ބުނެފައިވާ ކަމަށް ބަންދު އަމުރުގައި ވަނީ ބުނެފައެވެ. އަދި އެ އެޕާޓުމަންޓުގެ ތަޅުދަނޑި އޮންނަނީ އޭނާގެ އަތުގައި ކަމަށާއި އެއީ އޭނާ ވަދެއުޅޭ ތަނެއް ކަމަށްވެސް ބުނެފައިވާ ކަމަށް އަމުރުގައިވެއެވެ.

މި މައްސަލައިގައި ހިމެނޭ 41 އަހަރުގެ މީހާވަނީ އެޕާޓުމަންޓުން ފެނުނު ތަކެއްޗާއި އެކަކުު ޒިންމާ ނަގާފައިވާ ކަމަށް ވަނީ ބުނެފައެެވެ. އަދި އޭނާ އަކީ ބިޑި ބޮއެ އުޅޭ މީހެއް ކަމަށާއި އެޕާޓުމަންޓުން ފެނުނު ތަކެއްޗަކީ އޭނާގެ އެއްޗެއް ނޫން ކަމަށްވެސް ބުންޏެވެ. އޭގެ އިތުރުން އެތަނުގައި އެވަގުތު ބަޔަކު ތިބި ކަމަށާއި އެއި އެހެން މީހުން ވަދެ އުޅޭ ތަނެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މި މީހާގެ އަތުން ފެނުނު 16،525 ރުފިޔާއަކީ އޭނާގެ އަމިއްލަ ފައިސާ ކަމަށާއި އޭނާއަކީ އަމިއްލަ މަސައްކަތާއި ކުލީގެ ގޮތުގައި 40،000 ރުފިޔާ މަހެއްގެ މައްޗަށް ލިބޭ މީހެއް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އޭނާ މަސައްކަތްކުރާ ސާމާނު އޭނާގެ ކޮޓަރީގައި ހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި 31 އަހަރުގެ މީހާ ބުނެފައިވަނީ އޭނާ އަކީ ޕާސަނަލް ކޮމްޕިއުޓާސްގައި މަސައްކަތް ކުރާ 10 އަހަރުވެފައިވާ މީހެއް ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު 2010 ރުފިޔާ އާއި 818 ޑޮލަރަކީ ޕާސަނަލް ކޮމްޕިއުޓާސް އިން އޭނާގެ އަތަށް ޖަމާކުރަން ދިން ފައިސާ ކަމަށް ބުންޏެވެ.

މީގެ އިތުރުން އޭނާ އަކީ ހަމުގެ ސީރިއަސް ބައްޔެއް ހުންނަ މީހެއް ކަމަށާއި އެކަމަށް އުމުރުން 15 އަހަރުން ފެށިގެން ބޭސްކުރަމުންދާ ކަމަށް ބުނެފައިވާއިރު، އަދި މިކަމާ ގުޅޭ މެޑިކަލް ލިޔުންތައް ހުށަހަޅާފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން ގާޒީ ވަނީ އޭނާގެ ހުށަހަޅާފައިވާ ލިޔެކިޔުންތައް މެޑިކަލް ޓީމާއި ހިއްސާކޮށް އޭނާ އަށް ލުޔެއް ދެވޭނެ ވަކި ހާއްސަ ހާލަތެއް އޮތްތޯ ބެލުމަށް ފުލުހުންނަށް އަންގާފައެވެ.

މީގެ އިތުރުން އޭނާ ބުނީ އޭނާ އެތަނުގައި މަޑު ކުރީ އޭނާގެ ޖީއެން ސައިކަލެއް ވިއްކުމުގެ މުއާމަލާތަކާއި ގުޅިގެން ގަންނަން ބުނި މީހާ އެ އެޕާޓުމަންޓަށް އަންނާނެ ކަމަށް ބުނެ މަޑުކުރަން އެދުމުން ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ފާހަގަކޮށްފައެވެ.

އަމުރުގައި ވަނީ، މި އެޕާޓުމެންޓުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި އެއްކިލޯއަށްވުރެ ގިނަ ކެނެބިސް ހުރި ކަމަށް ސީނަށް ދިޔަ ފުލުހުން ބުނެފައިވާ ކަމަށެވެ.



More from Vaguthu