8 ގައުމަކަށް ސަފީރުން އައްޔަން ކުރަން ކޮމިޓީން ނިންމައިފި

Tue, 23 Apr 2024 03:14 PM

View on this article on Vaguthu

8 ގައުމަކަށް ސަފީރުން އައްޔަން ކުރަން ކޮމިޓީން ނިންމައިފި

އަށް ގައުމަކަށް ސަފީރުން އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮނުއްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.



މި ސަފީރުންގެ ތެރެއިން ބައެއް ސަފީރުންނަށް ރުހުން ދިނުމާ މެދުގައި ގޮތެއް ނިންމަން މަޖިލިހަށް ފޮނުއްވިތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އަދި މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، އަށް ގައުމަކަށް އައްޔަނުކުރައްވާފައިވާ ސަފީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ.

އެކަން އެގޮތަށް ނިންމީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމިޓީން ރުހުން ލިބުނު އަށް ބޭފުޅުންނަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އިރުތިޝާމް އާދަމާއި އދ. ގައި ހުންނަވާ ދާއިމީ މަންދޫބަކަށް އަލީ ނަސީރު މުހައްމަދު (އަލިނީ) އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަސްއޫދު އިމާދާއި މެލޭޝިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަރިޔަމް ޝަބީނާ އަހުމަދާއި ބެލްޖިއަމް އާއި އީޔޫ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ގީލާ އަލީ އާއި ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މުހައްމަދު ލުވައިޒާއި ޖެނީވާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޑރ. ސަލްމާ ރަޝީދެވެ.

ޔޫއޭއީގެ ސަފީރުުކަމަށް އައްޔަން ކުރަން ނިންމަވާފައިވާ މުންދު ވަނީ މީގެކުރިން ޖަޕާންގެ ސަފީރުކަން ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުންދު ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވައިފައެވެ. އިރުތިޝާމް އާދަމަކީ ކުރީގެ ޔޫތު މިނިސްޓަރެވެ. މަސްއޫދަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ޕްރެސް ސެކެޓްރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި ގީލާއަކީ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޑރ. ސަލްމާއަކީ ނިމުނު މަޖިލިސް އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަސްމާ ރަޝީދުގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ.ލުވެއިޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމުގެ އިތުރުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.



More from Vaguthu