ނުހެދި ހުރި ގާނޫނުތައް ގިނަ، ކުރިމަގުގައި އެކަން ވާނެ: ނަސީމް

Tue, 23 Apr 2024 02:50 PM

View on this article on Vaguthu

ނުހެދި ހުރި ގާނޫނުތައް ގިނަ، ކުރިމަގުގައި އެކަން ވާނެ: ނަސީމް

ރައްޔިތުންގެ ފައިދާ އާއި ލާބައަށް ނިންމަން ޖެހޭ ގިނަ ގާނޫނުތަކެއް އަދިވެސް ނުހެދި އެބަހުރި ކަމަށާއި ކުރިމަގުގައި އެކަން ހާސިލް ވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާ އަށް އިތުރު ދައުރަކަށް ހޮވިވަޑައިގެންނެވި އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ.



ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ އާންމު ގަވައިދުތަކާ ބެހޭ ގާނޫނު ނިމުމަކަށް ގެނައުމަށް 19 ވަނަ މަޖިލީހުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް އެ މަޖިލިސް ވެސް ނިމިގެން ދާންޖެހުނީ އެކަމަށް މުޅިން ހައްލެއް ނުލިބި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި ފެހި ގާނޫނު އަސާސީ އުފެދުނު ފަހުން މިއަދާ ހަމައަށް ވަރަށް ގިނަ ގާނޫނުތަކެއް ނުހެދި ޕެންޑްވެފައި އެބަހުުރި. އެކަމަށްޓަކައި ކުރި މަސައްކަތް ކާމިޔާބު ވެސް މެ އެހެން ނަމަވެސް އެންމެ ފަހުން ދައުރުގެ ފަހު ދުވަސްތަކުގައި އެ މަސައްކަތް އެންމެ ރަނގަޅަށް ނުކުރެވި ދައުރު ނިމިގެން ދިޔައީ ޖުމްލަ ހައްލެއް ނުލިބި." ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ފެށޭ ރައްޔިތުންގެ މަޖިލިހުގައި އެކަމަށް ހައްލެއް ލިބި އެ ގާނޫނު އުވިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ ގޮތަށް އާ ގަވައުދުތަކާ ބެހޭ ގާނޫނެއް އޮތުމުން އާންމު ގަވައިދުތަކާ ބެހޭ ގާނޫނަށް އެކި މުއައްސަސާތަކުން އިހްތިރާމް ނުކުރާ ކަމަށް ވިދާޅުވިއެވެ.

"މި ގާނޫނަށް ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި ކުންފުނިތަކުން ފުރިހަމައަށް އިހްތިރާމް ނުކުރޭ. ނަމަވެސް މިއީ ގާނޫނެއް މިއަށް ވެސް ފުރިހަމައަށް އިހުތިރާމް ކުރަން ޖެހޭ. ވަކިވަކި ގާނޫނުތައް ހަދާ ނިމެންދެން މި ގާނޫނަށް ކުރަންޖެހޭ އިހްތިރާމް ކުރަންޖެހޭ. ނުހެދި ހުރި ގާނޫނުތައް ވެސް ގިނަ. އެކަން އިރާދަކުރެއްވިޔާ ކުރިމަތުގައި ނިމިގެންދާނެ ކަމަށް އުންމީދު ކުރަނީ." ނަސީމް ވިދާޅުވިއެވެ.

އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގައިވާ ގަވައިދުތަކަކީ މިހާރު އަމަލުކުރަމުންދާ ގާނޫނޫ އަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވާލާފައިވާ ގަވައިދުތަކެކެވެ. އާ ގާނޫނުތައް ވުޖޫދައް އައުމުގެ ސަބަބުން އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގައިވާ ގަވައިދުތަކަށް ކުންފުނިތަކުން ފުރިހަމައަށް އަމަލުކުރަމުން ނުދާތީ އެ ގާނޫނު އުވާލައި އާ ގާނޫނުތައް ހެދުމުގެ މަސައްކަތް މަޖިލީހުން ދަނީ ކުރަމުންނެވެ.

 



More from Vaguthu