ފަސް ވަގުތު ނަމާދު ކުރާ މީހުން ސިޔާސީ މަސައްކަތަށް ނެރޭނަން: އިމްރާން

Tue, 23 Apr 2024 02:18 PM

View on this article on Vaguthu

ފަސް ވަގުތު ނަމާދު ކުރާ މީހުން ސިޔާސީ މަސައްކަތަށް ނެރޭނަން: އިމްރާން

ހަޔާތުގެ ބާކީ ބައިގައި ދެމި ހުންނާނީ ނަމާދު ކުރާ މީހުން ސިޔާސީ މަސައްކަތަށް ނެރުމުގަައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ލީޑަރު ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.



އާދީއްތަ ދުވަހު ބެއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ކުރިމަތިލެއްވި އިމްރާނަށް އެ ގޮނޑި ކާމިޔާބުކުރެއްވިފައި ނުވެއެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ އޭނާ މިހާތަނަށް ކުރަމުން އައި، އަދި އެކަމެއް ކުރުމުގެ މަތީގައި ހަޔާތުގެ ބާކީ އޮތް ބައިގައި ދެމި ހުންނާނެ މަސައްކަތަކީ ފަސްވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރި ކުރުން ކަމަށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ތިން ކެނޑިޑޭޓުން ވާދަކުރިއެވެ. އެއީ އެމްޑީޕީގެ ފަރާތުން މިހާރު ވެސް އެ ދާއިރާގެ މެންބަރު މުހައްމަދު ރާއީއާއި އަދާލަތު ޕާޓީގެ ފަރާތުން އިމްރާން އާއި ޕީއެންސީގެ ފަރާތުން އާދަމް ޝަފީގެވެ.

އެ ދާއިރާއަށް 2806 މީހަކު ވޯޓުލާފައިވާއިރު ސައްހަ ވޯޓުގެ ގޮތުގައި އީސީއިން ކަނޑައަޅާފައިވަނީ 2769 ވޯޓެވެ. އޭގެތެރެއިން 1223 އާއިއެކު އިންތިހާބު ކާމިޔާބު ކުރެއްވީ ޝަފީގެވެ.

އިމްރާންއަށް ލިބިވަޑައިގެންނެވީ 821 ވޯޓެވެ. އަދި ރާއީއަށް 725 ވޯޓު ލިބިވަޑައިގެނެވިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބުކޮށްފައިވާއިރު، ސަރުކާރަށް ތާއީދު ކުރާ މެމްބަރުންނާއެކު ޕީއެންސީއަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފައެވެ. ބާކީ ތިބި ގޮނޑިތައް އަމިއްލަ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި، އެމްއެންޕީގެ ކެންޑިޑޭޓެއްގެ އިތުރުން އެމްޑީއޭގެ ދެ ކެންޑިޑޭޓެއް ވަނީ ކާމިޔާބު ކުރައްވައިފައެވެ.



More from Vaguthu