ހަތް ސަރަހައްދެއްގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖުތަކާއެކު 23,500 ޓަނުގެ ރޯމަސް ރައްކާކުރެވޭނެ: މިނިސްޓްރީ

Fri, 19 Apr 2024 11:24 AM

View on this article on Vaguthu

ހަތް ސަރަހައްދެއްގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖުތަކާއެކު 23,500 ޓަނުގެ ރޯމަސް ރައްކާކުރެވޭނެ: މިނިސްޓްރީ

ރާއްޖޭގެ ހަތް ސަރަހައްދެއްގައި ގާއިމުކުރަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖުތަކުގެ މަސައްކަތް ނިމުމުން 23،500 ޓަނުގެ ރޯމަސް ރައްކާކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.



ފިޝަރީޒް މިނިސްޓްރީން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއީ ދިވެހިރާއްޖޭގެ މަސްވެރިން ބާނާ ކަޅުބިލަމަހުގެ މިންވަރު އިތުރުކުރުމަށާއި މަސްރައްކާކުރާ މިންވަރު އިތުރުކުރުމަށް ގާއިމްކުރާ ކޯލްޑްސްޓޯރޭޖުތަކެއް ކަމަށެވެ.

އެގޮތުން އެ މަޝްރޫއުތަކާއިއެކު ދިވެހިރާއްޖޭގައި 23،500 ޓަނުގެ ރޯމަސް ރައްކާ ކުރެވޭނެ ގާބިލްކަން ލިބިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެެފައިވެއެވެ.

ކޯލްޑް ސްޓޯރޭޖް ގާއިމު ކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ ހަތް ސަރަހައްދެެއްގައެވެ. އެއި، ހއ. އިހަވަންދޫ، ޅ. ފެލިވަރު، މ. މުލަށް، ދ. އަތޮޅު، ގއ. ކޫއްޑޫ، ގދ. ފިޔޯރީގެ އިތުރުން ގދ. ތިނަދޫގައެވެ.

އިހަވަންދޫގައި 500 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖެއް އެއް ގާއިމުކުރުމަށް ރާވާފައިވާއިރު ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި މުލަކުގައި 500 ޓަނުގެ، ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްއެއް ގާއިމުކުރުމަށް މިހާރު ވަނީ ޓެންޑަރ މަރުހަލާގައެވެ. ފިޔޯރީ އާއި ދ. އަތޮޅުގެ ކޯލްޑް ސްޓޯރޭޖް ގާއިމު ކުރުމަށް ވެސް ވަނީ ރާވާފައެވެ. އެއީ ފިޔޯރީގައި 300 ޓަނުގެ އަދި ދ. އަތޮޅުގައި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މީގެ އިތުރުން ތިނަދޫގައި 1000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މި ސަރުކާރުން ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރުމަށް ގިނަގުނަ މަޝްރުއުތައް ކުރިއަށް ގެންދާނެ ކަމަށް މީގެ ކުރިން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.



More from Vaguthu