ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ޝަރަފެއް ނޫން ކަމަށާއި އެއީ މަތިވެރި އަމާނާތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިރޭ އިދިކޮޅުން ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ ރައީސްކަމުގެ މަގާމަކީ އެއީ ޝަރަފެއް ނޫން ކަމަށެވެ. އެއީ ވަރަށް މަތިވެރި މަސްއޫލިއްޔަތެއް ކަމަށާއި، އެއީ ސެލްފީ ނެގުމެއް ނޫން ކަމަށާއި އެއީ އަނބިދަރިން ގޮވައިގެން ގައުމުތަކަށް ދަތުރުކުރުން ނޫން ކަމަށް ވިދާޅުވިއެވެ.
އެ މަސްއޫލިއްޔަތަކީ ވަރަށް މަތިވެރި އަމާނާތެއް ކަމަށާއި އެ އަމާނާތް ހަވާލުކުރަން ޖެހެނީ ފުރިހަމަ ޒިންމާ އަދާކުރެވޭވަރުގެ އިލްމާއި ގާބިލިއްޔަތުކަން ހުރި މީހަކަށް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި މިހާރު ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި އެ ސިފަތައް ހުރި އެންމެ ހައްގުކަން ބޮޑު ކެނޑިޑޭޓަކީ ޑރ. މުހައްމަދު މުއިއްޒު ކަމަށް ޝަހީމް ވިދާޅުވިއެވެ.
" ވަރަށް ސާބިތުކަކާއެކު ވަރަށް ކެރިގެން މި ދަންނަވަނީ. ވަރަށް އަޑު ހަރުކޮށް މި ދަންނަވަނީ ދިވެހި ލޮބުވެތި ރައްޔިތުންނޭ ޑރ. މުއިއްޒު އިންތިހާބުކުރައްވާށޭ. ތިޔަ ބޭފުޅުންނަށް ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އެ މަގުން ދަތުރުކޮށްގެން." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މުއިއްޒު އިންތިހާބުކޮށްފިނަމަ މަޝްރޫތައް ހުއްޓިދާނެ ކަމަށް އިދިކޮޅު ވާދަވެރިން ބުނަމުންދާ ކަމަށެވެ. ރާއްޖެ ހަލަބޮލިވާނެ ކަމަށް ބުނަމުންދާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މުއިއްޒަކީ ރައްޔިތުންނަށް އާ ބޭފުޅެއް ނޫންކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މުއިއްޒު ވަނީ ކެބިނެޓްގައި އަށް އަހަރު ދުވަސް މަސައްކަތް ކުރައްވާފައި ކަމަށެވެ. މުއިއްޒަކީ ވަރަށް ސާބިތުކަމާ މަޑުމައިތިރިކަމާއެކު ހުންނަވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. މުއިއްޒަކީއެއްގޮތަކަށް ވެސް ގައުމުގައި ހަލަބޮލިކަން އުފައްދާ ގައުމުގައި ހަނގުރާމަ އިއުލާނުކޮށް މުޒާހަރާކޮށް ހަމަޖެހުން ނަގާލާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ.
" ރާއްޖޭގައި ތިބި އެންމެ ތައުލީމީ ޓީމް، އެންމެ ތަޖުރިބާކާރު، އެންމެ ހިދުމަތްތެރި ޓީމް އޮތީ ޕީޕީއެމް-ޕީއެންސީގައި. ރައީސް ޔާމީންގެ އަރިހުގައި. ދައުލަތެއް ހިންގުމުގެ ފުރިހަމަ ގާބިލިއްޔަތުކަން ޕީޕީއެމް އާއި ޕީއެންސީފައި އެބަހުރި. އެހެންވީމަ ކީއްވެތޯ ގައުމު ހަލަބޮލި ވާންވީ."، ޝަހީމް ވިދާޅުވިއެވެ.
އޭގެ އިތުރުން ޝަހީމް ވިދާޅުވީ 1980ގެ އަހަރުތަކުގައި ވެރިކަން ކުރުމަށް ރަނގަޅު ބޭފުޅެއް މިހާރަށް ރަނގަޅު ނުވާނެ ކަމަށެވެ. 21 ގަރުނަށް ކަމުދާނީ މި ގަރުނަށް ފިޓްވާ މީހުން ކަމަށް ވިދާޅުވިއެވެ. އެއީ މި ޒަމާނުގެ ތައުލީމާ، ފިކުރާ، މި ޒަމާނުގެ އޮޔާ ވަޔާ ދަތުރުކުރަމުންދާ ދަންނަ މީހުން ކަމަށެވެ. އެހެންކަމުން މި ގައުމު ރިޔާސަތަށް އެންމެ އެކަށީގެންދާ ބޭފުޅަކީ މުއިއްޒު ކަމަށް ވިދާޅުވިއެވެ.